އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-1 ގެ ނަތީޖާއަކުން ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، ޗެލްސީން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުއްމީދު އައުކޮށްފިއެވެ.
ލިވަޕޫލުން ވަނީ މިދިޔަ ހަފުތާގައި ޓޮޓެންހަމް ބަލިކޮށް، ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު، އެ ޓީމުން ވަނީ ރޭ ޗެލްސީއާ ދެކޮޅަށް ނިކުތް އިރު، ފުރަތަމަ 11 އަށް ހަ ބަދަލެއް ގެނެސްފައެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ކުރިހޯދަދީފައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ލިވަޕޫލްގެ އޭރިއާ ތެރެއިން، ވާޖިލް ވެން ޑައިކް ޖެހި ބޯޅައެއް ބައިކޮޅަށް ވަނީ ޖެރެލް ކުއެންސާގެ ގައިގައި ޖެހިފައެވެ.
ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް، ޑާވިން ނޫނޭޒް އާއި މުހައްމަދު ސަލާހު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް، ވެން ޑައިކް ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ މޮއިސެސް ކައިސޭޑޯ އަށް ކުއެންސާ ކުރި ފައުލަކާ ގުޅިގެން، ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ކޯލް ޕާމާ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. ޕާމާ އަށް ލަނޑެއް ޖެހިފައި މިވަނީ 18 މެޗަށްފަހުއެވެ.
މި ނަތީޖާއާއެކު ޗެލްސީން ވަނީ ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ ޕޮއިންޓު ގޮތުން އަރާ ހަމަކޮށްފައެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 63 ޕޮއިންޓެވެ.