ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުުގައި ރޭ ބާސެލޯނާގެ ދަނޑުުގައި އެ ޓީމުން އިންޓަ މިލާނާ ދެކޮޅަށް ކުޅުުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ރޭގެ މެޗު ފެށިގެން 30 ވަނަ ސިކުންތުގައި އިންޓަ އިން ވަނީ ލަނޑެއް ޖަހައި، ބާސެލޯނާ ކުޅުންތެރިންނާއި ސަޕޯޓަރުން ސިއްސުވާލާފައެވެ. ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުން، އެ ޓީމަށް ލަނޑު ޖަހައިދިނީ މާކަސް ތުރަމް އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ތަރީހުގައި ސެމީ ފައިނަލަކުން ފެނުނު އެންމެ އަވަސް ލަނޑެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ޑަމްފްރީސް ކާމިޔާބުކުރި މޮޅު އެކްރޮބެޓިކް ވޮލީ ލަނޑަކުން އިންޓަ އިން ވަނީ ލީޑު ފުޅާކޮށްފައެވެ.
އިންޓަ އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ބާސެލޯނާއަށް އުއްމީދު އައުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. މެޗުގެ 24 ވަނަ މިނެޓުގައި އިންޓަގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު، ޔަމާލް ވާތު ފައިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހުމަށްފަހުއެވެ.
ރޭގެ މެޗުގައިވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ޔަމާލް އަށެވެ. އޭނާ ބާސެލޯނާ އަށް ކުޅެދިން 100 ވަނަ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ފޮނުވާލި ދެ ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. އުމުރުން 17 އަހަރުގައި އޭނާ ވަނީ ބާސެލޯނާއަށް 22 ލަނޑު ޖަހައިދީ، 33 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 38 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއާއެކު، ފުރަތަމަ ހާފު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެނެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި ޑަމްފްރީސް ވަނީ އިތުރު ލަނޑެއް ޖަހައި، އަނެއްކާވެސް އިންޓައަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ބާސެލޯނާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭރިއާ ބޭރުން ރަފީނިއާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހުމަށްފަހު، ކީޕަރު ޔާން ސޮމާ ގައިގައި ޖެހިފައެވެ.
މިލާންގެ ސެން ސީރޯގައި ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.
