ސްޕެނިޝް ލީގުގައި ރޭ ފަހުވަގުތު ރޮނާލްޑް އަރައުހޯ ޖެހި ލަނޑާއެކު ބާސެލޯނާ އިން 2-1 ގެ ނަތީޖާއަކުން ޖިރޯނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރޭގެު މެޗު ފެށިގެން 13 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ލަނޑެއް ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. އޭރިއާ ރޮނގު ކައިރިން އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
ބާސެލޯނާއިން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކުރުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި އެކްސެލް ވިޓްސެލް ވަނީ އޯވާހެޑް ކިކަކުން ލަނޑެއް ޖަހައި ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ބާސެލޯނާ އަށް ވަނީ ދެވަނަ ފަހަރަށް ކުރިހޯދުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން، މާކަސް ރަޝްފޯޑް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެއިތުރުން، ދެވަނަ ހާފުގައިވެސް ރަޝްފޯޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އިތުރު ވަގުތަށް ހަތަރު މިނެޓު ދެއްކުމާއެކު ބާސެލޯނާގެ ކޯޗު، ހަންސީ ފްލިކް ނުރުހުން ފާޅުކުރުމާއެކު އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު، އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ފްލިކަށް ބެންޗުގައި މަޑެއް ނުކުރެވޭނެއެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ފްރޭންކީ ޑި ޔޯން ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާ މޮޅުކޮށްދިނީ އަރައުހޯ އެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ނުވަ މެޗުން 22 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި ރެއާލް މެޑްރިޑަށް އަށް މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.