އިންގްލެންޑް ގައުމީ ޓީމަށް ބޭނުންވަނީ މުބާރާތެއް ކާމިޔާބުކުރެވޭ ވަރުގެ ކޯޗެއް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން، އެލަން ޝިއެރާ ބުނެފި އެވެ.
ޝިއެރާ މިހެން ބުނީ އިންގްލެންޑުގެ ކޯޗަކަށް ތޯމަސް ޓުޗެލް ހަމަޖެއްސުމާ ގުޅިގެނެވެ. އަންނަ ޖެނުއަރީ މަހު ރަސްމީކޮށް މަސައްކަތް ފަށަން ހަމަޖެހިފައިވާ ޓުޗެލް ވާނީ އިންގްލެންޑަށް ކޯޗުކަން ކޮށްދޭ، އިނގިރޭސި ވިލާތުން ބޭރު ތިންވަނަ ކޯޗަށެވެ.
ޓުޗެލް ވަނީ ޗެލްސީ އާއެކު 2021 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް ދެން އޮތް އެންމެ ބޮޑު އިމްތިހާނަކީ، އިންގްލެންޑާއެކު 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.
”ދަ ރެސްޓް އިސް ފުޓްބޯލް“ ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ޝިއަރާ ބުނީ، އިންގްލެންޑަށް ތަށްޓެއް ބޭނުންވާ ކަމަށެވެ. އަދި، ބޭނުން ވަނީ އިންގްލެންޑް ގޮވައިގެން މުބާރާތެއް ކާމިޔާބުކުރެވޭ ވަރުގެ ކޯޗެއް ކަމަށެވެ.
ޝިއެރާ ބުނީ، ޓުޗެލް އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮޅު ކޯޗެއް ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. ނަމަވެސް، އިންގްލެންޑް ގޮވައިގެން ކުރިޔަށް ދިޔުން ވާނީ އޭނާ އަށް ވަރަށް ތަފާތު ކަމެއް ކަމަށް ބުންޏެވެ.
އިންގްލެންޑާއެކު ޓުޗެލް ސޮއިކުރީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ޓީމާއެކު މަސައްކަތް ފަށާނީ ޖެނިއަރީ މަހު އެއްވަނަ ދުވަހު އެވެ.