އެއްވެސް ޓީމަކާ ހަވާލުނުވެ އަހަރެއްހާ ދުވަސް ހުންނާނެ ކަމަށް އިންގްލެންޑުގެ ކުރީގެ ކޯޗު، ގެރެތު ސައުތުގޭޓް ބުނެފި އެވެ.
އުމުރުން 54 އަހަރުގެ ސައުތުގޭޓް، އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނީ، މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމާ ވިދިގެނެވެ.
އިންގްލެންޑުގެ ކޯޗަކަށް ސައުތުގޭޓް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އޭނާ ވަނީ ވިދިވިދިގެން ދެ ފަހަރު، ޔޫރޯގެ ފައިނަލަށް އިންގްލެންޑް ގެންގޮސްދީފަ އެވެ. މީގެއިތުރުން، ސައުތުގޭޓުގެ އިރުޝާދާއެކު އެ ޓީމުން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
މިވަގުތު މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުން ދަށްވެ، އެރިކް ޓެން ހާގްގެ މުސްތަގުބަލާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވާއިރު، ސައުތުގޭޓް ހޯދަން ޔުނައިޓެޑުން ފާރަލާ ކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އަވަސް މުސްތަގުބަލެއްގައި ޓީމެއްގެ ކޯޗުގެ ގޮތުގައި ނުފެންނާނެ ކަމަށެވެ. އޭނާ ބުނީ، ރަނގަޅު ނިންމުމެއް ނިންމުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ބޮޑު ޒިންމާއެއް އަދާކުރުމަށްފަހު އެނބުރި އައިސް، މީހާ ހަމަޖެހިލަން ވަގުތު ނަގާނެ ކަމަށެވެ.
ސައުތުގޭޓުގެ އިރުޝާދާއެކު އިންގްލެންޑުން ވަނީ ޖުމްލަ 102 މެޗު ކުޅެފަ އެވެ. އޭގެތެރެއިން 61 މެޗުން މޮޅުވެފައިވާއިރު، 24 މެޗު ވަނީ އެެއްވަރުވެފަ އެވެ. ބަލިވީ 17 މެޗުންނެވެ.