ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިޔަށް ގެންދިޔަ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗުން އެޗްޑީސީ އިން މޮޅުވީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު، 25-16 އިން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ. ނަމަވެސް، އެމްއެންޑީއެފް އިން ވަނީ ކުޅުން ރަނގަޅުކޮށް، ދެވަނަ ސެޓު، 18-25 އިން ކާމިޔާބުކޮށްފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ތިންވަނަ ސެޓު، އެޗްޑީސީ އިން ކާމިޔާބުކުރީ 27-25 އިންނެވެ. މިއާއެކު އެމްއެންޑީއެފް އަށް ވަނީ ހަތަރުވަނަ ސެޓު ނެގުން މަޖުބޫރު ވެފަ އެވެ. އެ ޓީމުން ވަނީ ހިތްވަރާއެކު ގަދަޔަށް ކުޅެ، ހަތަރުވަނަ ސެޓު، 27-29 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފަސްވަނަ ސެޓު، 15-10 އިން ކާމިޔާބުކޮށް، އެޗްޑީސީ އިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ. މީގެއިތުރުން، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ކުޑަކާއްޓެ އެވެ.
މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަށް ހޮވުނީ އެޗްޑީސީގެ ކުޑަކާއްޓެ އާއި ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. އަދި، އެންމެ މޮޅު މިޑިލް ބްލޮކަރުންނަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ ހުސައިން ޔޫސުފް އާއި އެޗްޑީސީގެ މުހައްމަދު އަހުސަން އެވެ. މީގެއިތުރުން، އެންމެ މޮޅު ސެޓަރަކަށް އެޗްޑީސީގެ އަލީ ނިމާލް ހޮވިފައިވާއިރު، އެންމެ މޮޅު ލިބަރޯ އަކީ ޕޮލްކޯގެ މުހައްމަދު ނައީމް އެވެ. އަދި، އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކަށް، އެމްއެންޑީއެފްގެ ހުސައިން ރަޒާން ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެޗްޑީސީގެ ހުސައިން ޝަރީފް އެވެ.