ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ފަސްވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.
ޕޮލިސް ކްލަބުން ވަނީ ފުރަތަމަ ސެމީގައި 3-2 ސެޓުން ވެމްކޯ ބަލިކޮށްފައެވެ. ވެމްކޯ ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށްގެންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގައި ވެމްކޯ އިން ޕޮލިސްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އިން ސެޓުތައް ކާމިޔާބުކުރީ 25-20، 25-19 އަދި 25-19 އިންނެވެ.
ފައިނަލް މެޗުގެ ތިން ސެޓުވެސް ވާދަވެރިކޮށް ދިޔައިރު، ޕޮލިސް ޓީމަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އަށް ނުކުޅެވުމެވެ. ވެމްކޯ ޓީމުުން ވަނީ އޭގެ ފައިދާ ނަގައި، މޮޅު ކުޅުމެއް ކުޅެފައެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިކަށް ހޮވިފައިވަނީ ވެމްކޯގެ އާއިޝަތު މާޖިދާ (މާޖީ) އެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރުންނަށް ހޮވިފައިވަނީ މާޖީ އާއި ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާ (އަރީ) އެވެ. އަދި ބެސްޓް އޮޕަސިޓް ޕްލޭޔަރުގެ މަގާމު ޕޮލިހުގެ ހައްވާ ރަޝީދާ (ހައްވަ) އަށް ލިބުނުއިރު، ބެސްޓް މިޑިލް ބްލޮކަރުންނަކީ ވެމްކޯގެ ނަރީމާ އިދުރީސް (ނަންނި) އާއި ޕޮލިހުގެ މަރިޔަމް އަޒުމާ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނީ ވެމްކޯގެ ޖޫޒާން ޒަރީރު (ޖޫޒް) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ހުރާގެ އައިޝަތު ދީމާ ނަދީމް އެވެ. އަދި އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.



