ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.
މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވުނު ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހިޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުރުވެރިވާ ކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
”ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއް،“ ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެ ކަމުގައި އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
މިއަދު އިޢުލާނުކުރެވުނު ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025 ގައި ރާއްޖެ ތަމްސީލުކުރާނެ ޓީމެވެ. ޖުމުލަ ހަ ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށްދާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، މިހިނގާ އޮކްޓޫބަރު މަހުގެ 22 އިން 28 އަށެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ތަމްރީނުތައް ކުރިއަށްދާނީ ތައިލެންޑުގައި އޮކްޓޫބަރު 10 އިން 17 އަށެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު އަދި އެ މިނިސްޓްރީގެ އިސްވެރިންނާއި ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް