ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީން މިއަހަރުގެ މުބާރާތައްވެސް ނިކުތީ ތަށި ދިފާއުކުރުމުގެ އަޒުމުގަ އެވެ. ނަމަވެސް، ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 3-2 ސެޓުން ކާމިޔާބުކޮށް، ސިފައިން ވަނީ މުބާރާތުގެ ތަށި އުފުލާލާފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ 26-24 އިން ކާމިޔާބުކުރީ ސިފައިންނެވެ. ނަމަވެސް، އެޗްޑީސީން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ދެ ސެޓު ކާމިޔާބުކުރީ 23-25 އަދި 22-25 އިންނެވެ.
ކާމިޔާބުކުރުން މަޖުބޫރުވި ހަތަރުވަނަ ސެޓުގައި ސިފައިންގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން، އެ ޓީމުން ވަނީ 25-20 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. މިއާއެކު، މެޗުގެ ނަތީޖާ ނެރުނީ ފަސްވަނަ ސެޓުންނެވެ. ސިފައިންގެ ޓީމުން ވަނީ 15-10 އިން ފަހު ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު) އެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ، އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމާ) އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަކީ، ސިފައިންގެ އާދަމް ފައިރޫޒް އާއި އެޗްޑީސީގެ މުހައްމަދު އަހުސަން (ސޮއްޓި) އެވެ. އަދި އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކީ އެޗްޑީސީގެ ޝަމާއިލް ހުސައިން އެވެ.
މި މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހުރާ ކޮމިއުނިޓީ ކްލަބްގެ އަހުމަދު މުޒްލިފް ހޮވުނުއިރު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިފައިންގެ ލުއިޒް އެވެ. އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) އެވެ.



