ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނެދަލެންޑްސް ބަލިކުރުމަށްފަހު، ފައިނަލުގެ ފަހު ޖާގަ އިންގްލެންޑުން ހޯދައިފި އެވެ.
އިންގްލެންޑް ސެމީ އަށް ދަތުރުކޮށްފައިވަނީ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް ބަލިކުރުމަށްފަހު އެވެ. އަދި ނެދަލެންޑްސް އިން ވަނީ ކުއާޓާގައި ތުރުކީގެ މައްޗަށް ކުރިހޯދާފަ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނެދަލެންޑްސް އިންނެވެ. މެޗު ފެށިގެން ހަވަނަ މިނެޓުގައި ނެދަލެންޑްސް އަށް ލަނޑު ޖަހައިދިނީ ޒުވާން ތަރި، ޒަވީ ސިމޯންސް އެވެ. އެއީ އޭރިއާ ބޭރުން އޭނާ ކާމިޔާބުކުރި ރީތި ލަނޑެކެވެ.
އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކުރުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 18 ވަނަ މިނެޓުގައި، ނެދަލެންޑްސްގެ އޭރިއާ ތެރެއިން ޑެންޒެލް ޑަމްފްރީސް، އިންގްލެންޑުގެ ހެރީ ކޭން އަށް ފައުލް ކުރުމާ ގުޅިގެން އިންގްލެންޑަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. މި ޕެނަލްޓީ ދީފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގައި ބަހައްޓާފައި ހުރި މޮނީޓަރުން ބެލުމަށް ފަހުއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ޑަމްފްރީސް ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. އޭގެ ދެ މިނެޓު ފަހުން އިންގްލެންޑުގެ ފިލް ފޯޑެން ޖެހި ބޯޅަވެސް ދިމާވެފައިވަނީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ. އަދި ދަނޑީގައި ޖެހިފައި އެނބުރި އައި ބޯޅަ ފޯޑެން ދެވަނަ ފަހަރަށް ފޮނުވާލުމުން، ގޯލުގެ ލައިނު މަތިން ދިފާއުކުރީ ޑަމްފްރީސް އެވެ.
ހާފު ނިމުމުގެ ކުރިން، ނެދަލެންޑްސް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، މެމްފިސް ޑިޕާއި ބަދަލު ކުރަން ޖެހުމުންނެވެ.
ދެވަނަ ހާފު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު އެޓޭކިން ކުޅުމެއް ފެނިފައިވެ އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އިންގްލެންޑުގެ ބުކަޔޯ ސަކާ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މެޗުގެ 81 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ދެ ބަދަލެއް ކޮށްފަ އެވެ. ސައުތުގޭޓް ވަނީ ކޭންގެ ބަދަލު ވޮޓްކިންސް، އަދި ފޯޑެންގެ ބަދަލު ކޯލް ޕާމާ ކުޅެން ނެރެފަ އެވެ. މެޗުގައި ތަފާތަކަށް ވީވެސް މި ބަދަލު ތަކެވެ. އިންގްލެންޑުގެ މި ބަދަލާއެކު، އެ ޓީމުން ވަނީ ވަރަށް ބޮޑަށް އެޓޭކް ރަނގަޅުކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑް މޮޅުކޮށްދިނީ ވޮޓްކިންސް އެވެ. އޭނާ ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕާމާ އެވެ.
މިއާއެކު މުބާރާތުގެ ފައިނަލުގެ ޖާގަތައް ވަނީ ކަށަވަރުވެފަ އެވެ. ފައިނަލުގައި އިންގްލެންޑް ކުޅެން ޖެހޭނީ ސްޕެއިން އާ ދެކޮޅަ ށެވެ.
