ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފަހަތުން އަރައި ފްރާންސް ބަލިކޮށް، ސްޕެއިން ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއަހަރުގެ މުބާރާތުގެ ސެމީ އަށް ސްޕެއިން ދަތުރުކުރީ، މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޖަރުމަނު ކަޓުވާލުމަށްފަހު އެވެ. އަދި ފްރާންސުން ވަނީ ޕެނަލްޓީގައި ޕޯޗުގަލް ބަލިކޮށްފަ އެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ސްޕެއިން އިން ފްރާންސްގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު، ސްޕެއިން އިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފައިނަލުގެ ޖާގަ ހޯދާފަ އެވެ. މިއީ ޔޫރޯގެ ތާރީހުގައި، ސައްތަ އިން ސައްތަ ރެކޯޑަކާއެކު ޓީމެއް ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން، މޮޅަށް ކުޅެފައިވަނީ ސްޕެއިން އިންނެވެ. ނަމަވެސް، މެޗުގެ ނުވަ ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ނަގައިދިން ހުރަހަކުން، ރަންޑަލް ކޯލޯ މުއާނީ ވަނީ ގޯލެއް ޖަހައި ފްރާންސަށް ކުރިހޯދަދީފަ އެވެ.
ފްރާންސުން ލީޑު ނެގުމާއެކު، ސެޕެއިން އިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗުގެ 21 ވަނަ މިނެޓުގައި ލަމީން ޔަމާލް ވަނީ އޭރިއާ ބޭރުން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއާއެކު، އުމުރުން 16 އަހަރުގެ ޔަމާލް ވެފައިވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނެޓު ފަހުން، ސްޕެއިންގެ ޑެނީ އޮލްމޯ ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފަ އެވެ. ސްޕެއިން އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ސްޕެއިން އިންނެވެ. ފްރާންސުން އެޓޭކިންގ ގިނަ ބަދަލުތަކެއް ކުރިނަމަވެސް، ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މި މޮޅާއެކު ސްޕެއިން އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފަ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އިންގްލެންޑާއި ނެދަލެންޑްސް ބައްދަލުކޮށްގެން މޮޅުވާ ޓީމަކަށެވެ.
