ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑްގެ މައްޗަށް ކުރިހޯދައި، އިންގްލެންޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ގަދަ 16 ބުރުގައި ސްލޮވާކިއާ ބަލިކުރުމަށްފަހު އެވެ. އަދި ސްވިޒަލެންޑުން ވަނީ ގަދަ 16 ބުރުގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފަ އެވެ.
ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ، އިންގްލެންޑް ގައުމީ ޓީމަށް ސައުތުގޭޓް ކޯޗުކޮށްދިން 100 ވަނަ މެޗެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީގައި އިންގްލެންޑުން ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ކުރި ދެ ބަދަލަކާއެކު، ސްވިޒަލެންޑުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗުގެ 75 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ އެމްބޯލޯ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ.
އިންގްލެންޑުން ވަނީ އެއް ފަހަރާ ތިން ބަދަލުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ސްވިޒަލެންޑުން ލީޑު ނެގިތާ ފަސް މިނެޓު ފަހުން އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިންގްލެންޑަށް ގޯލު ޖަހައިދިނީ ބުކާޔޯ ސަކާ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ. ނަމަވެސް، އިތުރު ވަގުތުގައިވެސް އެއްވެސް ޓީމަކަށް ނަތީޖާ ނެރެވިފައެއް ނުވެއެވެ.
އިންގްލެންޑުން ވަނީ ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖަހާފައިވަނީ ޕާމާ، ބެލިންހަމް، ސަކާ، ޓޯނީ އަދި އަލެކްސަންޑަ އާނޯލްޑް އެވެ.
ސްވިޒަލެންޑުން ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔައީ އަކަންޖީ އެވެ. އޭނާ ޖެހި ޕެނަލްޓީ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރެވިފައިވަނީ ފަބިއަން ޝެއާ އާއި ޝަގީރީގެ އިތުރުން ޒެކީ އަމްދޫނީ އަށެވެ.
ސެމީ ފައިނަލުގައި އިންގްލެންޑް ކުޅެން ޖެހޭނީ ނެދަލެންޑްސް އާއި ތުރުކީ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
