ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށ،ް ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކުރީ ގަދަ 16 ބުރުގައި ބެލްޖިއަމް ބަލިކުރުމަށްފަހު އެވެ. އަދި ޕޯޗުގަލް އިން ވަނީ ޕެނަލްޓީ ޖަހައިގެން ސްލޮވީނިއާ ބަލިކޮށްފަ އެވެ.
މެޗު ފެށިގެން، ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން، ޕޯޗުގަލް އިން ވަނީ އެޓޭކް ވަރުގަދަކޮށް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، އެ ފުރުސަތު ތަކުގެ ބޭނުން، ޕޯޗުގަލް ޓީމަށް ހިފިފައެއް ނުވެއެވެ.
ފްރާންސް ޓީމުން ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރަންޑަލް ކޯލޯ މުއާނީ އަށެވެ. އޭރިއާތެރެއަށް ވަދެ އޭނާ ޖެހި ބޯޅަ، ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒް ވަނީ ބްލޮކް ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިނުވާތީ، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފަ އެވެ.
އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވަނީ ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން، ފްރާންސްގެ ޑެމްބެލޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
ޕެނަލްޓީގައި ފްރާންސް އިން ވަނީ ޖެހި ހުރިހައި ޕެނަލްޓީއެއް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޑެމްބެލޭ އާއި ފޮފާނާ އާއި ކޫންޑޭ އާއި ބަކޯލާގެ އިތުރުން ތެއޯ ހެނާންޑޭޒް އެވެ. ޕޯޗުގަލް އިން ހަތަރު ޕެނަލްޓީ ޖަހާފައިވާއިރު، ޖޮއާއޯ ފެލިކްސް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ރޮނާލްޑޯ އާއި ބެނާޑޯ ސިލްވާގެ އިތުރުން ނޫނޯ މެންޑޭސް އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ކުޅެން ޖެހޭނީ ރޭ ޖަރުމަނު ކައިރިން މޮޅުވި ސްޕެއިން އާއެވެ.
