ރުމޭނިއާ ބަލިކޮށް، 16 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ނެދަލެންޑްސް ދަތުރުކޮށްފި އެވެ.
ނެދަލެންޑްސް އިން އެންމެ ފަހުން ކުއާޓާ ފައިނަލް ކުޅެފައިވަނީ 2008 ވަނަ އަހަރު އެވެ. އެ މުބާރާތުން ނެދަލެންޑްސް ކެޓީ، ކުއާޓާ ގައި ރަޝިއާ ކައިރިން ބަލިވެގެނެވެ. ޖެހިގެން އައި މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާފައިވާއިރު، 2016 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައި ވެފައެއް ނުވެއެވެ. އެއާ ޖެހިގެން އައި މުބާރާތުން ކެޓީ ގަދަ 16 ބުރުންނެވެ.
މިއަހަރުގެ މުބާރާތުގެ ގަދަ 16 ބުރަށް ނެދަލެންޑްސް ދަތުރުކޮށްފައިވަނީ ގުރޫޕު ”ޑީ“ ގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ރުމޭނިއާ އިން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް ގުރޫޕު ”އީ“ ގެ އެއްވަނަ ހޯދާފަ އެވެ.
މިރޭ ކުޅުނު މެޗުން، ނެދަލެންޑްސް އިން ރުމޭނިއާގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޒަވީ ސިމޯންސް ތަނަވަސްކޮށްދިން ފުރުސަތަކުން ނެދަލެންޑްސް އަށް ކުރިހޯދައިދިނީ ކޯޑީ ގަކްޕޯ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 58 ވަނަ މިނެޓުގައި ވާޖިލް ވެން ޑައިކް ވަނީ ރުމޭނިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ގަކްޕޯ ވަނީ އިތުރު ގޯލެެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ.
މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން ނެދަލެންޑްސް އަށް ލީޑު ފުޅާކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑޮންޔެލް މާލެން އެވެ. މެޗުގެ އިތުރު ވަގުތުގައި މާލެން ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަކްޕޯ އެވެ.
ކުއާޓާ ގައި ނެދަލެންޑްސް ކުޅެން ޖެހޭނީ އޮސްޓްރިއާ އާއި ތުރުކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
