މި މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ އިންގްލެންޑުގެ ރަސްމީ ސްކޮޑް އިއުލާނުކޮށްފި އެވެ.
ޔުރޯގައި ވާދަކުރާ ޓީމުތަކުން، 26 ކުޅުންތެރިންގެ ރަސްމީ ސްކޮޑް ހުށަހެޅުމުގެ މުއްދަތި ހަމަވާނީ ހުކުރު ދުވަހުގެ ނިޔަލަ ށެވެ. ނަމަވެސް، ސައުތުގޭޓު ވަނީ އިތުރު މައްސަލަތަކެއް ދިމާވުމުގެ ކުރިން، ބުރާސްފަތި ދުވަހު ސްކޮޑް އިއުލާނުކޮށްފަ އެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުކުރު ދުވަހު އައިސްލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް، އެންމެ ރަނގަޅަށް ތައްޔާރުވުމެވެ.
އިންގްލެންޑުން ވަނީ މީގެކުރިން 33 ކުޅުންތެރިންގެ ސްކޮޑެއް ނަގާފަ އެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ޖާގަ ގެއްލުނީ ޖޭމްސް މެޑިސަން އާއި ކާޓިސް ޖޯންސް އަށެވެ. އޭގެފަހުން ޖާގަ ގެއްލުނީ، ކީޕަރު ޖޭމްސް ޓްރެފޯޑް އާއި ޑިފެންސަށް ކުޅޭ ޖެރަޑް ބްރެންތުވެއިޓް އާއި ހެރީ މެގުއާ އާއި ޖެރެލް ކުއެންސާ އަދި ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް އަށެވެ.
އިންގްލެންޑުގެ ކޯޗު ސައުތުގޭޓް ބުނީ، ހުކުރު ދުވަހުގެ ނިޔަލަށް ކުޅުންތެރިން މަޑުކުރުވަން ބޭނުން ނުވީ ކަމަށެވެ. އަދި ފަހުވަގުތު ޓީމުން ބޭރުކުރުމުން އިތުރު މައްސަލަތަކެއް އަންނާނެ ކަމަށެވެ.
ޔޫރޯ މުބާރާތުގައި އިންގްލެންޑް އޮތީ ޑެންމާކް އާއި ސާބިއާގެ އިތުރުން ސްލޮވޭނިއާ އާއެކު ގުރޫޕު ”ސީ“ ގައެވެ. ފުރަތަމަ މެޗުގައި އިންގްލެންޑް ނިކުންނާނީ ސާބިއާ އާ ދެކޮޅަށެވެ.
