ޖަޕާން – ޗައިނާ ހަނގުރާމައެއްގެ ތުންފަތް މައްޗަށް – ކުއްލިއަކަށްމިވީ ކިހިނެއް؟

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޖަޕާނާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސަރަހައްދުގެ އެންމެ ވަރުގަދަ ދެ އިގްތިސާދު ކަމަށްވާ ޖަޕާން އަދި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ މިދިޔަ ހުކުރު ދުވަހު ޖަޕާންގެ ޤާނޫނުހަދާ މަޖިލީހުގައި ބޮޑުވަޒީރު ސަނޭ ޓަކައިޗީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އިދިކޮޅު މެންބަރަކު ވަނީ ޖަޕާންގެ ”ސަވައިވަލް ތްރެޓަނިން ސިޓުއޭޝަން“ އާ ގުޅޭގޮތުން ބޮޑުވަޒީރާ ސުވާލުކޮށްފަ އެވެ. ޖަޕާންގެ ”ސަވައިވަލް ތްރެޓަނިން ސިޓުއޭޝަން“ އަކީ ދިމާވާ ހާލަތެއްގެ ސަބަބުން ޖަޕާންގެ އަސްކަރިއްޔާ ނެރުމަށް ބޭނުންކުރާ ޤާނޫނީ ލަފުޒެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވަނީ މިސާލެއްގެ ގޮތުގައި ޓައިވާންގެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޗައިނާއިން އަސްކަރިއްޔާ ބޭނުންކޮށްގެން ޓައިވާން ހިފަން އުޅޭ ހާލަތެއްގައި ޖަޕާނުން ”ސަވައިވަލް ތްރެޓަނިން ސިޓުއޭޝަން“ ބޭނުންކުރައްވާނެކަމަށް ވިދާޅުވި އެވެ. އަދި ޓައިވާން ވަށާލައިގެން ޗައިނާއިން ތިބޭ ހާލަތެއްގައި އެތަނަށް ވަންނަ އެމެރިކާގެ އަސްކަރީ މަނަވަރަކަށް ޗައިނާއިން ހަމަލާއެއްދިން ނަމަވެސް ޖަޕާނަށް އެގައުމުގެ އަސްކަރިއްޔާ ބޭނުންކުރަންޖެހޭނެކަން ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުގައި ނަމަވެސް ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ މިވާހަކަ ދެއްކެވުން ވެފައިވަނީ ޖަޕާނާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިކުރުވި ކަމަކަށެވެ. ބޭރު މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިހާތަނަށް ޖަޕާންގެ ބޮޑުވަޒީރުންވަނީ މިފަދަ ވާހަކަތަކުގައި ޓައިވާންގެ ވާހަކަ ހާމަކަންބޮޑުކޮށް ނުދައްކާ ދޫކޮށްލައްވާފަ އެވެ.

ޖަޕާން، ޗައިނާ އަދި ޓައިވާންގެ ސަރަަހައްދު. ޖަޕާން އަދި ޗައިނާގެ މެދުގައި ނުތަނަވަސްކަން ބޮޑުވެއްޖެ

މިފަހަކާޖެހެންދެން ޖަޕާން އަދި ޗައިނާގެ ގުޅުން ރަނގަޅުނަމަވެސް، ބޮޑުވަޒީރު ސަނޭ ޓަކައިޗީ އޮކްޓޫބަރު ފަހުކޮޅު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވާން ފަށާފައިވާކަމަށް ބޭރުމީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ނޮވެމްބަރު މަހު ކުރީކޮޅު ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވަނީ ޓައިވާންގެ ސަރުކާރު ތަމްސީލުކުރެއްވި ފަރާތްތަކަކާ ބައްދަލުކުރެއްވިކަންވެސް ހާމަކުރައްވާފަ އެވެ. އަދި އޭގެފަހުން ހިނގާމިދިޔަ ކަންތައްތަކަށްފަހު ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ބޭރުމީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ބޮޑުވަޒީރު ސަނޭ ޓަކައިޗީގެ ވާހަކަތަކާ ގުޅިގެން ޖަޕާންގެ އޮސާކާގައި ހުންނަ ޗައިނާގެ ކައުންސެލް ޖެނެރަލްވަނީ ބޮޑުވަޒީރު ސަނޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓެއްވެސް ކުރައްވާފަ އެވެ. ނަމަވެސް ފަހުން އެ ޕޯސްޓްވަނީ ޑިލީޓް ކުރައްވާފަ އެވެ. އަދި ޖަޕާނުން ވަނީ ޗައިނާގެ ކައުންސެލް ޖެނެރަލްގެ ޕޯސްޓަކީ ޑިޕްލޮމެޓެއްގެ ފަރާތުން ފެނުނު ދަށުދަރަޖައިގެ އަމަލެއްކަމަށްވެސް ބުނެފަ އެވެ.

ޖަޕާން އަދި ޗައިނާގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ޗައިނާއިން ވަނީ ޖަޕާންގެ ސީފުޑްގެ ބާވަތްތައް ޗައިނާއަށް އިމްޕޯޓް ކުރުން ހުއްޓާލާނެ ކަމުގެ އިޝާރާތެއްވެސް ދީފަ އެވެ. އަދި ޖަޕާނަށް ދަތުރުކުރުން ހުއްޓާލުމަށް ބޮއިކޮޓް ހަރަކާތްތަކެއްވެސް ޗައިނާގައި އަންނަނީ ހިންގަމުންނެވެ. މީގެއިތުރުން ދެ ގައުމުގެ އިސްވެރިންގެ ބައެއް ބައްދަލުވުންތައްވެސް ކެންސަލް ކުރަން ނިންމާފައިވާކަން ޗައިނާއިން ހާމަކޮށްފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މިކަންކަމާ ގުޅިގެން ޖަޕާންގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވަނީ އެކަމަނާގެ ވާހަކަތަކަކީ ”ހައިޕޮތެޓިކަލް“ ވާހަކަތަކެއްކަން ފާހަގަކުރައްވާ ޤާނޫނުހަދާ މަޖިލީހުގައި މިފަދަގޮތަކަށް ވާހަކަ ދެއްކެވުމުން ދުރުހެލިވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި ޓައިވާންގެ ރައީސް ލައި ޗިންގް-ޓޭ މިއަދު ވަނީ ޗައިނާއާ ދެކޮޅަށް އަދި ޖަޕާންގެ ބޮޑުވަޒީރު ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވާކަން ހާމަކުރުމަށް ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން މިއަދު މެންދުރުގެ ކެއުމަށްހުރީ ޖަޕާނުން އެތެރެކޮށްފައިވާ މަހުގައި ތައްޔާރުކޮށްފައިވާ ސޫޝީ ކަމަށް ބުނެފައިވެ އެވެ.

ޓައިވާންގެ ރައީސް ލައި ޗިންގް-ޓޭ މިއަދު ހިއްސާކުރެއްވި ފޮޓޯ

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދެކޮޅު ހަދަމުންދާއިރު ޗައިނާ އިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ. އަދި 2027 ވަނަ އަހަރު ޓައިވާން ހިފުމައް ތައްޔާރުވުމަށް ޗައިނާގެ ރައީސް އެ ގައުމުގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައިވެ އެވެ. މިއަހަރާއި މިދިޔަ އަހަރުވެސް ޗައިނާއިން ވަނީ ޓައިވާން ވަށާލައިގެން އަސްކަރީ ތަމްރީނުތައް ހިންގާފަ އެވެ. އަދި ޓައިވާންގެ ވައިގެ އަދި ކަނޑުގެ ސަރަހައްދުގައިވެސް ތަމްރީނުތައް ހިންގާފައިވެ އެވެ.

ޓައިވާން ޖަޕާން ޗައިނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ