ޖަޕާނުގެ ޕާލިމެންޓުން އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި އަލްޓްރާ ކޮންސަވޭޓިވް ސަނާއެ ޓަކައިޗީ މިއަދު އިންތިޚާބު ކޮށްފި އެވެ.
64 އަހަރުގެ ސަނާއެ ޓަކައިޗީއަކީ އަލްޓްރާ ކޮންސަވޭޓިވް ސިޔާސަތުތަކަށް ތާއީދުކުރާ ސިޔާސީ ލީޑަރެކެވެ. އޭނާއަކީ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އާބޭގެ ވިސްނުންތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ ފަރާތެކެވެ.
އަންގާރަ ދުވަހު ބޭއްވުނު ޕާލަމެންޓުގެ ދަށު މަޖިލީހުގެ ވޯޓުގައި ސަނާއީ ޓަކާއީޗީއަށް 237 މެންބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އެވެ. އޭނާ ބޮޑުވަޒީރުކަމަށް ހޮވިފައިވަނީ އޭނާގެ ޕާޓީ ކަމުގައިވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން ސިޔާސީ ޕާޓީތަކާއެކު އައު އިއްތިހާދެއް އެކުލަވާލުމާ ގުޅިގެންނެވެ. އެގޮތުން އެ ޕާޓީން އިއްތިހާދުވީ ކުޑަ ޕާޓީއެއް ކަމަށްވާ ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭއައިޕީ) އާއެވެ. މި އައު އިއްތިހާދުގެ ސަބަބުން ސަރުކާރު އިތުރަށް ކަނާތުފިޔާގެ ވިސްނުންތަކަށް ޖެހިގެންދާނެ އެވެ. ނަމަވެސް، ޕާލިމެންޓުގައި މި އިއްތިހާދަށް ވަރުގަދަ މެޖޯރިޓީއެއް ނެތުމުން، އޭނާގެ ބޮޑުވަޒީރުކަމުގެ ދައުރު ދަތި އަދި ކުރު ވެދާނެކަމަށް ބެލެވެ އެވެ.
ޖަޕާންގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި މިވަގުތު އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އިގްތިސާދު ރަނގަޅުކުރުމެވެ. އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުން ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ސަނާއީ ޓަކާއީޗީ، މި ހަފްތާގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތައްޔާރީތައްވެސް ވަރަށް އަވަހަށް ފައްޓަވަން ޖެހިވަޑައިގަންނަވާނެ އެވެ.
ޓަކައިޗީގެ މައިގަނޑު އަމާޒަކީ ވަރުގަދަ ސިފައިންތަކެއް އުފެއްދުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ޖަޕާނުގެ ބާރުވެރިކަން އިތުރުކުރުމެވެ. އަދި އިޖްތިމާއީ މައްސަލަތަކުގައި ސަނާއީ ޓަކާއީޗީ ގެންގުޅުއްވަނީ ވަރަށް އާދަކާދައަށް ބުރަވާ ވިސްނުމެކެވެ.