ވަގުފު އިމާރާތްތައް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވަގުފު އިމާރާތްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދާރުލް އަރްޤަމް ގެ ބިންގާ އެޅުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ މުސްތަގުބަލަށްޓަކައިމިފަދަ މަސައްކަތްތައް ކުރެއްވުމަށް އަޒުމް ކަނޑައަޅުއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް އެއްބާރުލުން ދެއްވާ ކަމަށާއި އެ ކަމަށްޓަކައި އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ބިންގާއެޅިގެންދިޔަ ވަގުފު އިމާރަތަށް އިޝާރަތް ކުރައްވައި ޝަހީމް ވިދާޅުވީ އެ އިމާރާތުން ލިބޭ ނަފާއިން ހަރަދު ވެގެންދާނީ އިސްލާމީ ހިދުމަތަށް ކަމަށެވެ. މިއަދު ދާރުލް އަރްޤަމް ގެ ބިންގާ އެޅިގެން ގޮސްފައިވާއިރު މި މަހުގެ 27 ހިސާބުގައި ރާއްޖޭގަ ގާއިމް ކުރެވޭ އެންމެ ބޮޑު ވަގުފް ބިލްޑިން ހުޅުމާލޭގައި ބިންގާ އެޅިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

”މި އިމާރާތުން ލިބޭ ނަފާއިން ޚަރަދުކުރެވިގެންދާނީ އިސްލާމީ ޚިދުމަތަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސްކިތްތަކަށް އަދި ދީނީ ހުރިހާ ކަމެއް ހިމެނޭހެން ޚަރަދުކުރެވިގެންދާނެ. އިރާދަކުރެއްވިޔާ ގިނަ ވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި ހުރިހާ މަޝްރޫޢުތަކެއް ނިމި މި ޢިމާރާތްތަކުގެ ބޭނުން މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި މަގުން“ ޝަހީމް ވިދާޅުވި އެވެ.

މި މަޝްރޫއު އަކީ ބީއެމްއެލް އިސްލާމިކް ފައިނޭންސިން އިން ފަނޑު ކުރާ މަޝްރޫއެކެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ މިއީ ރާއްޖޭގެ ބޭންކަކުން ދީނީ ކަމަކަށް ކުރާ އެންމެ ބޮޑު ހޭދަ ކަމަށެވެ.

”ބީއެމްއެލް އިސްލާމިކަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއީ މުޅި ޤައުމު ބިނާ ކުރުމަށްޓަކައި ބޭންކުން އަޅުގަނޑުމެންނަށް ދޭ ވަރަށް ބޮޑު އެއްބާރުލެއްވުމެއް. މިއީ ހަޤީޤަތުގައި ރާއްޖޭގެ ބޭންކަކުން ދީނީ ކަމަކަށް ކުރާ އެންމެ ބޮޑު ހޭދަ“ ޝަހީމް ވިދާޅުވި އެވެ.

މިއަދު ބިންގާ އެޅިގެން ދިޔަ ވަގުފު އިމާރާތަކީ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކު ގާއިމް ކުރެވިގެންދާ މަޝްރޫއެކެވެ. 12 ބުރިއަށް އިމާރާތްކުރާ މި އިމާރާތުގައި މީޓިން ރޫމްތަކާއި ނަމާދު ކޮޓަރިތައް ހިމެނެއެވެ. ލިފްޓުގެ ހިދުމަތުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމް ޤާއިމްކުރެވިފައި ހުންނާނެ އެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 39,462,545.08 ރުފިޔާ އަށެވެ. އަދި މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދާރުލްއަރްޤަމްގެ އިތުރުން، ވަޤްފު ފަންޑު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ވަޤްފު އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އައްޑޫ، ފުވައްމުލަ، ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ އަދި ގއ. ވިލިގިލީގައި ވެސް ވަގުފު އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ