އެއާޕޯޓުން 100،000 ޑޮލަރު ފޭރިގަތީ ވަރަށް ރޭވިގެން ތިބެ، އެ މީހުން ފިލީ ލޯންޗެއްގައި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ފަތިހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 100،000 ޑޮލަރުހުރި ފައިސާ ބްރިފްކޭސް ފޭރިގަތީ ދުރާލާ ރާވައިގެން ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރާއްޖޭގެ އެންމެ ”ސެކިއުރިޓީ ވަރުގަދަ“ އެއާޕޯޓުން މި ފައިސާތަށް ފޭރިގަނެފައިވަނީ، ރޭ ފަތިހު 4:50 ގަ އެވެ. އަދި މިކަން ކުރި މީހުންތިބީ މާސްކު އަޅައިގެންނެވެ.

އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އެ ވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީންވެސް ހަރަކާތްތެރިވިކަން އެނގިފައިވެ އެވެ. މި ފައިސާހުރި ބްރީފްކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިންނެވެ. އެނގިފައިވާގޮތުގައި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހު އެވެ. އަދި އެކަމުގައި ހަރަކާތްތެރިވި މީހުން ބްރީފްކޭސް ހިފައިގެން ފިލީ އެއަރޕޯޓް ޖެޓީގައި އޮތް ލޯންޗެއްގަ އެވެ.

މި ފައިސާތައް ފޭރިގަނެފައިވަނީ، ބޭންކުގެ ދެ މުވައްޒަފެއްގެ އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ފައިސާތައް ގެންދިޔުމަށް ހަރަކާތްތެރިވި ވަގުތުގަ އެވެ. ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ.

މީގެ ކުރިން، ބޮޑެތިއަދަދުތަކުން އޭޓީއެމްއަށް ފައިސާ ޖަމާކުރަންދާއިރު ނުވަތަ މިގޮތަށް ފައިސާ އެއްތަނުން އަނެއްތަނަށް އުފުލާއިރު، ފުލުހުން ސެކިއުޓީ ބޭނުންކުރާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެހެން ނަމަވެސް، ފުލުހުން މިއަދު ބުނެފައި ވަނީ، ރޭ ފަތިހު ފައިސާތައް ފޭރުނުއިރު، އެ ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭންކުން ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މި ފައިސާ ފޭރިގަތުމަށް އައި މީހުން އެއަރޕޯޓަށް ވަދެފައި ވަނީ، އެއްގަމު މަގުން ކަމެއް ކަނޑުމަގުން ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ. މި ފައިސާތަށް ފޭރުނުކަމަށް ބުނާ ސަރަހަށްދަށް ބަލާއިރު އެމީހުން މިކަން ކުރީ ދުރާލާ ރާވައިގެންކަމަށް ބެލެވެ އެވެ. ފައިސާތައް ފޭރިގަތުމަށްފަހު އެމީހުން ވަނީ އެއާޕޯޓްގެ ޖެޓީގައި އޮތް ލޯންޗެއްގައި އެ ސަރަހައްދުން ފިލާފަ އެވެ.

މި ކަމާއި ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި ފޭރުމުގައި ބޭނުންކުރި ސްޕީޑް ލޯންޗް ހޯދައި މިކަމުގައި ޝައްކު ކުރެވޭ ހަތަރު މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފޭރުނު ފައިސާ ހޯދުނުކަމެއް ނުވަތަ އެ ފައިސާއަށްވީގޮތެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގެ ސެކިއުރިޓީ އެންމެ ވަރުގަދަ އެއް ސަރަަހައްދުގައި މިފަދަ ބޮޑު ކަމެއް ހިނގާދިއުމަކީ ގިނަ ބައެއްގެ ހިތުގައި ކަންބޮޑުވުމާއި ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ.

ބީއެމްއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ