ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ބޭންކުގެ ފައިސާ ހުރި ދެ ބްރިފްކޭހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ފޭރިގަތް މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، މިކަމުގައި ބޭނުންކުރި ސްޕީޑް ލޯންޗް ފުލުހުން މިހާރު ހޯދާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު އިހުސާން މައުލޫމާތުދީފައިވެ އެވެ.
ބީއެމްއެލްގެ ޑޮލަރުތައް އެއާޕޯޓުން ފޭރިގަނެފައިވަނީ ފަތިހު 4:45 ހާއިރު އެވެ.
ފުލުހުން ވަކި ބޭންކެއްގެ ނަން ނުބުނެ މިއަދު ބުނީ، ބޭންކެއްގެ ދެ މުވައްޒަފަކު ފައިސާ ހުރި ބްރިފްކޭހެއް ހިފައިގެން އާ ޓާމިނަލަށް ވަންނަން އުޅެނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ބްރިފްކޭސް ފޭރިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ބީއެމްއެލްގެ ފައިސާތަކެއްކަން ވަނީ ކަށަވަރުވެފަ އެވެ. ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ. ނަމަވެސް ފޭރިގަތް ފައިސާގެ އަދަދު އަދި ސާފުކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން މި ފައިސާ ފޭރިގަނެފައިވަނީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އެ ވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީންވެސް ހަރަކާތްތެރިވިކަން އެނގިފައިވެ އެވެ.
އެނގިފައިވާގޮތުގައި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހު އެވެ.
