ޗެއާޕާސަނާއި ކުރީގެ ރައީސް ސައްލާގައި؛ އެމްޑީޕީގައި އަނެއްކާވެސް ނަޝީދު, އިބޫ ފެކްޝަން؟

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެންމެ ދޮށީ ޕާޓީއަށް މިއަދު ކުރަންޖެހިފައިވަނީ ބުރަ މަސައްކަތެކެވެ. ޕާޓީ އުފެއްދުމަށް ކުރިފަދަ މަސައްކަތެއް މިއަދު ކުރަންޖެހިފައިވާކަހަލަ އެވެ. ސިޔާސީ ގޮތުން ގެއްލިފައިވާ ތާއިދު އަނބުރާ ހޯދުމަށް ލައްކަ މަސައްކަތް ކުރަންޖެހިފައިވާކަން، ފާއިތުވި އިންތިހާބުތަކަށްބެލީމާ އެނގެ އެވެ.

2023 ގެ ރިޔާސީ އިންތިހާބާއި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މާލިމީކަމުގަ އެވެ. މިކަމުގައި ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އެއްފަރާތަށްޖެހިވަޑައިގަނެ ވަކި ސިޔާސީ ޕާޓީއެއް އުފެެއްދެވުމާ ގުޅުމެއްވާކަމަށް ބެލެވިދާނެ އެވެ. އެކަން މެދުވެރިވިގޮތް ސާފެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނެއް އުފެދުމެވެ. ސިޔާސީ ވާދަވެރިކަމުގައި ގޮތްދޫނުކުރުމެވެ.

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޮޑު ތިން އިންތިހާބުން އެމްޑީޕީ ޖެހިޖެހިން ބަލިވެއްޖެނަމަ، އެކަންވެގެންދާނީ އެމްޑީޕީ ބޮޑުތަނުން ބަލިވީ ކަމަށެވެ. ޗެއާޕާސަން ފައްޔާޒްގެ ސިޔާސީ ހަޔާތް ”ފަރަށް އެރީ“ ކަމަށްވެސް ބުނެވިދާނެ އެވެ. އެކަން އެގޮތަށް ނުވޭތޯ ޗެއާޕާސަން އެބަ ވަރަށް މަސައްކަތްކުރައްވަ އެވެ. އެމްޑީޕީ ބަލިކަށިވެފައިއޮތްއޮތުން ބަދަލުކޮށް، ސިޔާސީ ހަރަކާތްތައް ހަރުކޮށް ފަށައިގަނެވޭތޯ ވަރަށް މަސައްކަތް އެބަ ކުރައްވަ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެވޭތޯ ވަރަށް ހިސާބު އެބަ ޖައްސަވަ އެވެ.

އެގޮތުން ފައްޔާޒް ކުރައްވާ ކަމަށް ފެންނަ، ސިޔާސީ އެއް މަސައްކަތަކީ، ކުރީގެ ރައީސް ނަޝީދު އަނބުރާ ”ގެޔަށް“ ގެނެސް ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރެވޭތޯ ކުރައްވާ މަސައްކަތެވެ. ފައްޔާޒްގެ ޗެއާޕާސަން ކަމުގައި އެމްޑީޕީ ”ހިންގާލަން“ ވެސް އަނބުރާ ގެންނަން މި ޖެހުނީ ރައީސް ނަޝީދެވެ. އެހެންނަމަވެސް މިކަންކަމުގެ ތެރެއިން އަނެއްކާވެސް މާޒީ އިޔާދަވާތަން ފެންނަކަހަލަ އެވެ. ކުރިންވެސް އުފެދުނު ”ކޯޅުން“ އަނެއްކާވެސް ފެށިއްޖެކަމަށް އަޑުފެތުރިއްޖެ އެވެ. ރައީސް ނަޝީދާއި ރައީސް އިބޫގެ ”ފެކްޝަން“ ވާދަވެރިކަން ބޮޑުވެއްޖެ ކަމުގެ އަޑުއިވެން ފަށައިފި އެވެ.

މިކަން ފުރަތަމަ ފާހަގަވީ، ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ބޭއްވި ޖަލްސާއަށް އިބޫ ވަޑައިނުގެންނެވި ހިސާބުންނެވެ. އެކަމުން ”ބޯދަމައިގަތީ“ ރާއްޖޭގައި ނޫޅުއްވާކަމަށް ވިދާޅުވެ އެވެ. ނަމަވެސް އެޖަލްސާއިން އިބޫ ”ފަޅީގެ“ އިސް ބޭބޭފުޅުން ފެނުނުލެއް މަދުކަމުން އެވާހަކަވެސް ގަބޫލުކުރެވޭ ކަމަކަށް ނުވި އެވެ.

ރައީސް ނަޝީދާއި ޗެއާޕާސަން ފައްޔާޒް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުން–

އޭގެފަހުން އަނެއްކާވެސް މިފެނުނީ ރައީސް ނަޝީދާއި ޗެއާޕާސަން ފައްޔާޒް އިސްވެ ތިއްބަވާ އެމްޑީޕީގެ ފަރާތްތަކާއި ބައްދަލުކުރައްވާ ސައްލާއެއް ކުރެއްވިތަނެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށެވެ. މިތަނުންވެސް އިބޫގެ ބޭފުޅުން ނުފެންނަ ކަމަށާއި އެކަށީގެންވާ އެއްބާރުލުންވެސް ނުލިބޭކަމުގެ އަޑުއިވެ އެވެ. އިވެނީ، އަނެއްކާވެސް ކުރީގައި އޮތްގޮތަށް ހަމަ ރަނގަޅަށްވެސް ފެކްޝަން ވާދަވެރިކަން ޕާޓީތެރޭގައި އުފެދިފައިވާ ވާހަކަ އެވެ. ދެބޭފުޅުން އެއް ފުރާޅެއްގެ ދަށުން އަދި ނުފެންނައިރު، މި ދެބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުންވެސް އެއްބަޔަކު އަނެއްބަޔަކަށް ވައްބަހުންޖެހުމާއި، ގަޅިއުކާތަން ފެންނަކަމުގެ ވާހަކަ ދެކެވެ އެވެ.

ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވިފަހުން ރައީސް އިބޫ އަދި އެމަނިކުފާނާ ބައްދަލުނުކުރައްވަ އެވެ. އަދި ދެ ބޭފުޅުންވެސް ފެންނަނީ މީޑިއާގައި އެއްބޭފުޅެއް އަނެއްބޭފުޅެއްގެ ވާހަކައާ ވަރަށް ދުރުދުރުން އުޅުއްވާތަނެވެ. ވަރަށް ”ކޮންޓްރޯލްޑް އެންވަޔަރަމެންޓް“ އެއްގައި ނޫންގޮތަކަށް އެއްބޭފުޅެއް އަނެއްބޭފުޅެއްގެ ވާހަކަ ދައްކަވާ ސުވާލަށް ޖަވާބުދެއްވާ އުޅުއްވާތީއެއްވެސް ނުފެނެ އެވެ.

ކުރީގެ އެންމެ ގާތް މިތުރު، ހަތުރަށް ބަދަލުވުމުން ދެން އެކީގައި ކުރިއަށްދިއުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ދެ ކަނޑިއަށް އެއް އުރައެއްގައި ނޯވެވޭނޭ ބުނެއުޅޭ އުސޫލުންނެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުން ވިދާޅުވާތީ އިވޭ ވާހަކައެއް އޮވެ އެވެ. އެއީ ސިޔާސީ ކަންކަމުގައި އުޅެންވާނީ ”ނިކަން ހަންބޯވެގެން“ނޭ ބުނާ ވާހަކަ އެވެ. ފެކްޝަން ވާދަވެރިކަމުގައި އެމްޑީޕީއަށް ކުރިއަށްއޮތް އިންތިހާބުން ކިތައް އިންސައްތަ ކާމިޔާބު ކުރެވިދާނެތޯ މިހާރު ސުވާލު އުފެދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ފައްޔާޒް އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ