އިއްޔެ ރާއްޖެއަށް ކުއްލި ސިހުމެއް ގެނުވީ ނިދާފައި އޮތް މީހަކަށް، އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި ޚަބަރުންނެވެ. އެއީ އއ. މާޅޮސް، މާހިޔާގޭގެ 65 އަހަރުގެ އަބްދުލްރަހްމާން އާދަމް އެވެ.
އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ ރޭ 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލަފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ. އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ. އަބްދުލްރަހުމާން މަރުވެފައި ވަނީ އެ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށް އެރަށު ސިއްހީމަރުކަޒުގައި ރޭ މެންދަމު 2:30 ހާއިރު އެވެ.
މިހާދިސާ ހިނގިއިރު އެގޭގައި ތިބީ އުމުރުން ދުވަސްވީ އަބްދުލްރަހުމާން އާއި އޭނާގެ އަންހެނުންނެވެ. އޭނާގެ 3 ދަރިން ތިބޭއިރު، އޭގެތެރެއިން އެއް ކުއްޖެއް ދިރިއުޅެނީ ރަށުގަ އެވެ. އެއީ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލަންސް ޑްރައިވަރުކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ހާދިސާ ހިނގިއިރު އޭނާ ހުރީ ލަންކާއަށް ދަތުރުކޮށް، އެނބުރި އައިސް މާލޭގާއިކަމަށް މައުލޫމާތު ލިބެ އެވެ.

އަނެއް ދަރި ހުރީ ޖަލު ބަންދުގަ އެވެ. އެއީ މުހައްމަދު ނާޒިމް ކިޔާ މީހެކެވެ. އޭނާ ހައްޔަރުގައި ކުރީ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން ދިން ހަމަލާއާ ގުޅިގެންނެވެ. އޭގެކުރިން އޭނާ ރިސޯޓެއްގައި މަސައްކަތް ކުރި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ. އަބްދުއްރަހްމާންގެ 3 ވަނަ ދަރި މަސައްކަތްކުރަނީ ރިސޯޓެއްގަ އެވެ.
އަބްދުއްރަހްމާނަކީ މަސްވެރިއެކެވެ. އޭނާ އާންމުކޮށް ދަނީ ކަންނެލީގެ މަސްވެރިކަމަށެވެ. ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ ކަމަށް ބުނިނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް އެޗެއް ހާމަކޮށްފައެއްނުވެ އެވެ.
މި މަރަކީ ބަޔަކު ދުރާލާ ރާވައިގެން ކުރިކަމެއްތޯ ސުވާލު އުފެދެ އެވެ. އެހެންކަމަށް ވާނަމަ އަބްދުއްރަހްމާންއަށް މި ހަމަލާ އަމާޒުވުމަށް މެދުވެރިވި ސަބަބަކީ ކޮބައިބާ އެވެ؟ ނުވަތަ މިއީ ”ރޮބަރީ ގޯން ރޯންގް“ އޭ ބުނާފަދަ ގޮތަކަށް ހިނގާފައިވާ ކަމެއްބާ އެވެ؟ ނުވަތަ މިއީ ބަޔަކު ޒާތީ ކަމެއްގައި ނުވަތަ އިތުރު ކަމެއް ފޮރުވުމަށް ހިންގާފައިވާ ރަހުމުކުޑަ އަމަލެއްބާ އެވެ؟ މި މަރާ އޭނާގެ ދަރިއެއް ނުވަތަ އާއިލީ މީހަކާ ގުޅުންހުރި އެހެން ކަމަކާ، ގުޅުމެއް އޮތްތޯވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މާޅޮސް ފާހަގަ ކުރެވެނީ ކުށްމަދު ރަށެއްގެ ގޮތުގަ އެވެ. މިފަދަ ބޮޑު މައްސަލައެއް މިފަހުގެ ތާރީޚެއްގައި އެރަށުގައި ހިނގާފައެއް ނުވެ އެވެ. އަބްދުއްރަހްމާން ލާއިންސާނީގޮތަކަށް މަރާލުން ވެގެން މިދިޔައީ އެ ރަށުގެ މުޖުތަމައުގައި ނުތަނަވަސްކަމާއި ހާސްކަން އިތުރުވެގެން ދިޔަ ކަމަކަށެވެ.
އެންމެނާވެސް ގުޅޭ އަބްދުއްރަހްމާންގެ އަނިޔާވެރި މަރުވެ ފަހަތުގައި ފޮރުވިފައިވާކަމެއް އެނގުމަކީ މާޅޮހުގެ ރައްޔިތުން އަދި ރާއްޖޭގެ ރައްޔިތުންވެސް މިވަގުތު އެނގެން އެންމެ ބޭނުންވާ ކަންތަކެވެ.