ރާއްޖެއަށް ބޭނުންވަނީ އެލޮން މަސްކް ގެންނަ ކަހަލަ ބަދަލުތަކެއްތަ؟

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ހިންގުމުގެ ހަަރަދު ބޮޑުކަމުގެ ވާހަކައަކީ ހަމަ ކޮންމެ ވެރިޔަކުވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކަ އެވެ. ދައުލަތަށް ލިބޭ އާމްދަނީއަކަށްވުރެ ބޮޑު އެއްޗެއް، ދައުލަތު ހިންގުމުގެ ހަރަދަށްދާކަމުގެ ވާހަކަ އަހަރެމެން އެންމެންވެސް ދައްކަމެވެ. ނަމަވެސް ވެރިކަމަށް އައުމާއެކު ކޮންމެ ވެރިއެއްވެސް ކެމްޕޭންގައި ދެއްކި ވާހަކަތައް މަތިން ހަނދާން ނެތޭތަން އާދެއެވެ.

ކެމްޕޭންގައި ދެއްކި ހަރަދު ކުޑަކުރުމުގެ ވާހަކަތައް މަތިން ގިނަ ފަހަރަށް ހަނދާން ނެތި، ވެރިންގެ އަމަލުތައް ފެންނަނީ އެއާ އިދިކޮޅަށްދާތަނެވެ. ހަރަދު ކުޑަކުރުމުގެ ބަދަލުގައި ގިނަ ފަހަރަށް ފެންނަނީ އެކިކަންކަމަށް ކުރެވޭ ހަރަދު އިންތިހާއަށް އިތުރުވާތަނެވެ. ރައްޔިތުންނަށް އަވަސް، ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށް ބުނެ، އެކި ނަން ނަމުގައި އިދާރާތައް އުފެއްދުމާއި، މަޤާމުތައް އުފެއްދުމާއި، އެ މީހުންނަށް އެހީވާނެ މުވައްޒިފުން ނެގުމާއި، ކުންފުނިތައް އުފެއްދުމުން ފެށިގެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މަތި ބަރުވާނެ ހުރިހާ ކަމެއްވެސް ވެރިކަމުގައި ތިބޭއިރު ކުރެ އެވެ.

ކުޑަރަށެއްގެ ފެނަކަ ބްރާންޗުގައި ކުރިން 4 މީހުންނާއެކު ދެމުން އައި ހިދުމަތެއް ދިނުމަށް 40 މުވައްޒަފުން ނަގަ އެވެ. ބޮޑު އޮފީހެއްގެ މޫނުމަތި ރީތުކުރާ ޓީމަށް (ޕީއާރު ޓީމަށް) އެކަނިވެސް 25 މުވައްޒަފުން ތިބޭ އިދާރާތައް އެބަހުއްޓެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއާ، ޓެކްސް އެޕީލް ޓްރައިބިއުނަލްއާ، ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހަކާ، އެގޮތަށް ގޮސް، ކޮންމެ ޤާނޫނަކާއެކު މުވައްސަސާއެއް އުފައްދަ އެވެ. ކޮންމެ ދެ ގެޔެއް ދޭތެރޭގައި ހުންނަނީ ކޮންމެވެސް ދައުލަތުގެ މުވައްސަސާއެއް ނުވަތަ ކޮންމެވެސް ނަމެއްގައި ހުޅުވާފަ ހުންނަ އޮފީހެކެވެ.

ގިނަ ފަހަރަށް މިއިން ކަމަކުން ރައްޔިތަކަށްވާ ފައިދާއަށްވުރެ، ވާ އުނދަގުލާއި އުފުލަންޖެހޭ ތަކުލީފުތައް ބޮޑުވެ އެވެ. ކުރިން އެއް ފޯމް ހުށަހަޅައިގެން، ނުވަތަ އެއް އިދާރާއަކުން ލިބޭ ހިދުމަތެއް ހޯދުމަށް އެތަކެއް އިދާރާއަކަށް ހިނގަންޖެހި، ހުށަހަޅަންޖެހޭ ފޯމް ސެޓްތައްވެސް އޮންނަނީ ގިނަވެފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 34 ބިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ ހަރަދު 48 ބިލިއަން ރުފިޔާއަށް އެރާފައިވެ އެވެ. އޭގެތެރެއިން 70 ޕަސެންޓު ހޭދަކުރީ، ދައުލަތުގެ އޮފީސްތައް ހިންގުމަށާއި މުސާރަ ދިނުމަށެވެ. އެކަމަށް ވަނީ 34 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ތަރައްޤީގެ މަޝްރޫއުތަކަށް ދައުލަތުން ހަރަދުކުރީ އެންމެ 11 ބިލިއަން ރުފިޔާ އެވެ. އެއީ ދައުލަތަށް ލިބި، ހަރަދުކުރާ އާމްދަނީގެ ވަރަށް ކުޑަ އިންސައްތައެކެވެ.

މައްޝޫރު އެމެރިކާގައި މިހާރު ކަން ހިނގަމުންދާ މަގަށް ބަލާލަމާތޯ އެވެ. މިދިޔަ ޖެނުއަރީ މަަހު ދެ ވަނަ ދައުރަކަށް ވެރިކަމުގެ ހުވާކުރެއްވި އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެއް ވައުދަކަށްވީ އެމެރިކާ ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކުރުމެވެ. ފެޑަރަލް ސަރުކާރު، ނުވަތަ މައި ސަރުކާރުގެ ހަރަދު ކުޑަކުރުމެވެ. ޓްރަމްޕް ވެރިކަމުގެ ހުވާކުރައްވާ، ހަމަ އެވަގުތުކޮޅުގެ ތެރޭގައި އެ ޤައުމުގެ ޤާނޫނު އަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި އެއް އިދާރާއަކީ ޑިޕާޓްމެންޓް އޮފް ގަވަރމެންޓް އެފިޝިއެންސީ އެވެ. އެ ޑިޕާޓްމެންޓް ހިންގަން ހަވާލުކުރީ ބިލިއަނަރ އެލޮން މަސްކް އަށެވެ.

ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަށް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމުގައިވާ ސެނެޓް އިން ނުވަތަ ތިރިގެ ކަމުގައިވާ ކޮންގްރެސްއަށް ބާރު ފޯރުވުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، ޓްރަމްޕް އެ އިދާރާ އުފެއްދެވީ ޤާނޫނުތަކުގެ ހުރި ހުސް ބާގަނޑުތައް ބޭނުންކޮށް، ސެނެޓާއި ކޮންގްރެސްއަށްވެސް އެ އިދާރާގެ މަސައްކަތްތަކާ ނުކުޅެވޭ ގޮތަށެވެ. ރާއްޖެއާ އެއް އުސޫލަކުން، އެމެރިކާގައިވެސް އިދާރާތަކުގެ ވެރިންނަށް އައްޔަންކުރާ ފަރާތްތަކަށް ސެނެޓްގެ ރުހުން އޮންނަންޖެހެ އެވެ. ނަމަވެސް ޓްރަމްޕް އުފެއްދެވި ޑިޕާޓްމެންޓް އޮފް ގަވަރމެންޓް އެފިސިއެންސީގެ ވެރިޔާ އެލޮން މަސްކަށް ރުހުން ހޯދަން ނުޖެހުނީ އެހެންވެ އެވެ.

ޓްރަމްޕްގެ ވެރިކަމަށް އެއް މަސް ވެގެންދިޔައިރު، މުޅި އެމެރިކާގެ މީޑިއާ އަދި ބައިނަލްއަޤުވާމީ މީޑިއާ ގުގުމާލައިފައިވަނީ އެލޮން މަސްްކް އަޅަން ފެށި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަަކުގެ ވާހަކަ އިންނެވެ. ފެޑަރަލް ސަރުކާރުގެ މުވައްޒިފުންކުރެ، އަމިއްލައަށް އިސްތިއުފާދޭން ބޭނުންވާ މުވައްޒިފުންނަށް 8 މަސް ދުވަހުގެ މުސާރައާއެކު ސަރުކާރުގެ ވަޒީފާ ދޫކޮށްލުމުގެ ފުރުސަތު ދިންއިރު، އެ ޤައުމުގެ އެތަކެއް އިދާރާއެއްގައި ތިބި ދުވަސްވީ ވެރިންނަށް ވަނީ ވަކިކުރާނެކަން އަންގާފަ އެވެ. ޔޫއެސްއެއިޑް ފަދަ މުހިިންމު ގިނަ އިދާރާތަކެއް ބަންދުކުރިިއިރު، އެ ޤައުމު ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުންވެސް ވަނީ ބޭރުވުމަށް ނިންމާފަ އެވެ. ނަތީޖާއަކަށްވީ ބައިނަލްއަޤުވާމީ ޖަމިއްލާތަކުގެ ކެޕިޓަލްގެ ގޮތުގައި ކޮންމެ މަހަކުވެސް އެމެރިކާއިން ދައްކަމުން އަންނަ ފީ ނިމުމަކަށް އައުމެވެ.

މަސްކް ވަނީ ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން، އެ މުވައްޒަފަކު ކުރި މަސައްކަތްތައް ބުނެދިނުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އަންގާފަ އެވެ. އަދި މަސައްކަތް ބުނެދީ، މެއިލްތަކަށް ޖަވާބު ނުދޭ ހުރިހާ މުވައްޒިފުން ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދީފައިވާއިރު، އެމެރިކާގެ ފެޑަރަލް ސަރުކާރުގެ އެންމެ ބޮޑު ހަރަދެއް ހިނގާ، އެ ޤައުމުގެ އަސްކަރިއްޔާގެ ބެޖެޓްގެ 8 އިންސައްތަ ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.

އޭގެއިތުރުން، މަރުވެފައިވާ މީހުންގެ ނަމުގައި ޕެންޝަން ނުވަތަ ސޯޝަލް ސެކިއުރިޓީ ނަގަމުންދިޔަ އެތަކެއް މައްސަލައެއް ހޯދައި، އެ ބާގަނޑުވެސް ބަންދުކޮށްފައިވާއިރު، އެ ޤައުމުގެ އިންޓާނަލް ރެވެނިއު ސާވިސްއިން އެކަނިވެސް 6700 އަށްވުރެ ގިނަ މުވައްޒިފުން ވަކިކުރާނެކަން ވަނީ އަންގާފަ އެވެ. ލިބެން ހުރި މައުލޫމާތުތަކުން އެނގޭގޮތުގައި މިހާތަނަށް އެ ޑިޕާޓްމެންޓުން ހަރަޑު ކުޑަކުރަން އެޅި ފިޔަވަޅުތަކުން އެއް މަސް ދުވަހުގެ ތެރޭގައި 55 ބިލިއަން ޑޮލަރު ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ ސީދާގޮތުން ސަލާމަތްކުރެވުނު އަދަދުތަކެވެ. އޭގެއިތުރަށް އެ ޤައުމުގެ ސަރުކާރުގެ ނަމުގައި ކުއްޔަށް ނަގާފައިހުރި ބައެއް އޮފީސް އިމާރަތްތައް ދޫކޮށްލުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ބައެއް އިމާރަތްތައް ވިއްކާލުމަށްވެސް ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހާލަތަށް އެނބުރިލަމާތޯ އެވެ. އިންޓަނޭޝަނަލް މިނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ ހަފްތާގައިވެސް ރާއްޖެއަށް އިންޒާރުދީފައިވަނީ ހަރަދު ކުޑަކުރުމަށެވެ. ހަރަދު ކުޑަ ނުކޮށްފިނަމަ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާނެކަމަށް ބުނެފައިވެ އެވެ. މިއީ އައިއެމްއެފްއިން މި އިންޒާރު ރާއްޖެއަށްދޭ ފުރަތަމަ ފަހަރެއް ނޫނެވެ. އައިއެމްއެފްގެ އިތުރުންވެސް ދުނިޔޭގެ މާލީ ކަންކަމާ ބެހޭ އެކި ފަރާތްތަކުން އަންނަނީ ރާއްޖޭގެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަންގަމުންނެވެ. ލިބޭއެއްޗަކަށްވުރެއް ބޮޑު އެއްޗެއް ހަރަދުގެގޮތުގައި ހޭދަކުރާއިރު، އެކިއެކި ކަންކަމުގައި ސަރުކާރުތަކުން އަބަދުވެސް މުޅިހެން ބަރޯސާވަނީ ބޭރުގެ ފަރާތްތަކުގެ ލޯނަށެވެ. ކޮންމެ އަހަރަކު މަޖިލީހަށް ހުށަހަޅާ ބަޖެޓްގައިވެސް ނަންބަރުތައް ރީތިކޮށްލުމަށް ބޭރު އެހީ އަދި ލޯނު ލިބޭނެ ވަރުކަމަށް އަންދާޒާކޮށް ބޮޑެތި އަަދަދުތައް ޖަހައެވެ. ނަމަވެސް އޭގެން ލިބެނީ ކުޑަމިންވަރެއްކަން ފާއިތުވި އަހަރުތަކުގެ ވިކުރާއަށް ބަލާލުމުން އެނގެއެވެ.

ސުވާލަކީ ރާއްޖެއަށްވެސް ބޭނުންވަނީ ޓްރަމްޕާ އެލޮން މަސްކް އެ ގެންނަ ކަހަލަ ބަދަލުތަކެއްތޯ؟ ނުވަތަ ހަމަ މިގޮތުގައި ދެމިތިބޭނީތޯ؟ އެޔަށްވުރެ ބޮޑު އެއް ސުވާލަކީ އެވަރުގެ ނިންމުންތަކެއް ނިންމަން ކެރޭނެ ފަދަ ވެރިއެއް ރާއްޖެގައި އެބަހުރިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސާދީ ހާލަތު އެމެރިކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ