ރައީސް ހިޔާނާތާ ދެކޮޅަށް؛ ރައްޔިތުން ތިބީ ވަރަށް ހެޕީކޮށް!

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރަކާއިމެދު ރައްޔިތުން ހެޕީވާނީ، ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް ހުރި ބޮޑެތި މައްސަލަތައް ހައްލުކުރާނެކަން ޔަޤީންކަން ލިބުމުގެ އިތުރަށް އެ މަގުން ސަރުކާރެއްގެ މަސައްކަތްތައްވެސް ބައްޓަންކުރަން ފަށާ ހިސާބަކުންނެވެ. މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ބުނެ މޮޅު ވާހަކަތައް ދެއްކިނަމަވެސް ރައްޔިތުން ހެޕީއެއް ނުވާނެ އެވެ. ކޮރަޕްޝަނަށް އޮންނާނީ ”ޒީރޯ ޓޮލަރެންސް“ ކަމަށް ވިދާޅުވުމަށްފަހު، ފެންމަތިވާ ކޮންމެ ހިޔާނާތުގެ މައްސަލައަކާއެކު ބޮޑު ޕްރޮމޯޝަނެއްދޭނަމަ، އެ ސަރުކާރެއް އަދި ކިޔެއްތަ އެ ވެރިޔަކާމެދުވެސް ރައްޔިތުން ހެޕީއެއް ނުވާނެ އެވެ.

ދައްކަން މި އުޅެނީ މި ސަރުކާރުގައި ދާދިފަހުން ފެންމަތިވި ބޮޑު ހިޔާނަތުގެ ވާހަކަ އެވެ. ދާދިފަހުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ދޭން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ވާހަކަ އެވެ.

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވެ އެވެ. މި ދެ ފަރާތުގެ ތެރެއިން އެކަކީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްކަން ވެސް ސިޓީން އެނގެ އެވެ.

މި މައްސަލައާ ގުޅިގެން، 15 އޮގަސްޓްގައި ހައުސިންގ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ”ފޯޖް“ ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކޮށްފައިވެ އެވެ.

ކުރުގޮތަކަށް ބުނާނަމަ، ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކޮށްގެން އެޗްޑީސި މެދުވެރިވެގެން އޮތީ ހުޅުމާލޭގެ ބިންތަކެއް ބަހާލާފަ އެވެ. ހަމައެކަނި ގޯތައް ބަހާލުމުގެ އިތުރުންވެސް އެޗްޑީސީގެ ތެރެއިން ގިނަ މުއާމަލާތްތަކެއް، ހިޔާނާތަށް މަގުފަހިވާގޮތަށް ފަޒުލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ކޮށްފައިވާކަން ވަނީ ތުހުމަތުކުރެވިފަ އެވެ.

އެހެނަސް ފެނަމތިވި ކޮރަޕްޝަނަށް އަވަސް ފިޔަވަޅެއް އަޅުއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހަރު މިވަނީ ރައްޔިތުން ހެޕީކޮށްލުވާފަ އެވެ. މައްސަލަ ފެންމަތިވުމާއެކު، ކުރިއާ ހިލާފަށް ތަހުޤީޤް އިދާރާތައް މިފަހަރު ހަރަކާތްތެރިވެއްޖެ އެވެ. ވަގުތުން ތަހުޤީޤްތައް ފަށައިފި އެވެ. މެނޭޖިން ޑިރެކްޓަރާއެކު، މައްސަލައިގެ ތަހުޤީޤަށް ހުރަހެއް ކުރިމަތިވެދާނެ އެންމެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ވަނީ ސަސްޕެންޑްކުރައްވާފަ އެވެ.

އެވަރުން ނިންމާލެއްވީއަކީ ނޫނެވެ. އެޗްޑީސީގެ މެނޭޖން ޑިރެކްޓަރަކަށް ހުންނެވި ފަޒުލްވެސް ހިމެނޭހެން މައްސަލައިގެ ތުހުމަތުވާ ހުރިހާ ފަރާތްތަކެއްގެ ޕާސްޕޯޓްވެސް ހިފެއްޓެވި އެވެ. އެންމެފަހުން ފަޒުލް ވަނީ މަޤާމުންވެސް ވަކިކުރައްވާފަ އެވެ.

އޭގެއިތުރުން ސަރުކާރުން ވަނީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު އެއްވެސް މީހެއްގެ ހައްގެއް ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ. އެއީ ފަޒުލް ހިންގެވި ހިޔާނަތުގެ ސަބަބުން ރައްޔިތެއްގެ ހައްޤަކަށް އުނިކަން ލިބުނަ ނުދެއްވާނެކަމުގެ ޔަޤީންކަމެވެ.

ރައްޔިތުން ހެޕީވެފައި ތިބީ މި ސަބަބާއި ހުރެ އެވެ. ރައީސްގެ އަވަސް ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރައްޔިތުން ހެޕީކުރުވި އިތުރު ކަމަކީ ރައީސް ޑރ. މުއިއްޒުގެ ސާބިތުކަމާއި ހިޔާނާތާ ވައްކަމާއި ދެކޮޅަށް ދައްކަވަމުންގެންދަވާ ހިތްވަރު އެވެ. މީގެކުރީގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ ސަމާލުކަމަށް މައްސަލައެއް ގެންނެވެމުން ކީރިތިކުރެއްވިނަމަވެސް، ރައީސް މުއިއްޒު ކުންފުނިތަކުގެ ވެރިންނަށް ދެއްވީ އިންޒާރެކެވެ. އެއީ ކޮރަޕްޝަނާއި ވައްކަން އެއްވެސް މިންވަރަކަށް ޓޮލަރޭޓް ނުކުރައްވާނެކަމަށް ދެއްވި އިންޒާރެކެވެ.

ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ”އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން،“ ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ”ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން“ ކަމަށާއި، ”ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން“ ކަމަށެވެ.

ވައްކަމާއި ހިޔާނާތާއި ދެކޮޅަށް ރައީސް މުއިއްޒު އަޅުއްވަމުންދެންދަވާ މި ފިޔަވަޅުތަކުން ހަމަ ހަޤީޤަތުގައިވެސް އެމަނިކުފާނު މިފަހަރު މިވަނީ ރައްޔިތުން ހެޕީ ކޮށްލުވާފަ އެވެ. ދެން ރައްޔިތުން ދެކެން ބޭނުންވަނީ ކަދުރާއަކަށް ނުބަލާ ވަގުންނަށް ފިޔަވަޅު އަޅުއްވާ، ޖަލުގެ ތޭރިތަކުގެ ތެރެއަށްލައްވާނެ މަންޒަރެވެ. އޭރުން އަދި ރައްޔިތުން މާ ބޮޑަށްވެސް ހެޕީވާނެ އެވެ. އެހެނީ ރައްޔިތުން މިއަދު އެދިއެދި ތިބީ ބަހާއި އަމަލުން ރައްޔިތުންގެ ފަޅި ނަންގަވާނެ ވެރިއެއްކަމަށްވުމެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ