ކެތްތެރިކަން: އިސްލާމްދީނުގައި އެންމެ މަތިވެރި އެއް ސިފަ

Advertisement

އެންމެ ފަސް

Advertisement

ކެތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ސިފައެކެވެ. އަދި އެއީ މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. ކީރިތި ޤުރުއާނުގައި ކެތްތެރިކަމުގެ މަތިވެރިކަމާއި، ކެތްތެރިންނަށް ލިބޭނެ ދަރުމައާއި ސަވާބުގެ ވާހަކަ ވަރަށް ގިނައިން ބަޔާންކުރައްވާފައިވެއެވެ. އަދި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައިވެސް ކެތްތެރިކަމުގެ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ: ”ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.“ (ސޫރަތުއް ޒުމަރު: 10) މި އާޔަތުން އެނގިގެންދަނީ ކެތްތެރިންނަށް ލިބޭނެ ދަރުމައިގެ ބޮޑުކަމެވެ.

ކެތްތެރިވެ ސާބިތުކަމާއެކު ދެމިހުރެވިއްޖެނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަން އައްޔޫބުގެފާނުގެ ވާހަކައިން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހާ ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދުވެސް އެކަލޭގެފާނު މާތްﷲ އަށް ޒިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިއޮންނެވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާތްﷲ އެކަލޭގެފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވިއެވެ. އަދި ޢަދަދު ނުކުރެވޭ ވަރަށް ދަނޑު ފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ.

އައްޔޫބުގެފާނު ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި މާތްﷲ އެ ކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ. އެ ބަލިމަޑުކަމުގައި އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެއެވެ. އެކަލޭގެފާނުގެ ދަނޑު ފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިއެވެ. އަދި، ހުރިހައި އަޅުންނާއި ޚާދިމުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރީން އެކަލޭފާނު ދޫކޮށް ދިޔައެވެ.

ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައިވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން މާތްﷲ އަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ. އެއާ ހިލާފަށް ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެނަމަ ނަމާދުކުރުމާއި އަދި އެނޫންވެސް އަޅުކަންތަކާ ދުރުހެލިވެ، ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެ ކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. އަދި، ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދުން ނޫނެވެ.

އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، މާތްﷲ އަށް އީމާންވެގެން ތިބި ކަމުގައިވީ ނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމުތިޙާނުކުރައްވާނެކަމެވެ. އަދި، އެކަލޭގެފާނުގެ ވާހަކައިން އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރުބާނީ އެނގިގެންދެއެވެ. އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދުވެސް އެކަމަނާ، އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމިހުންނެވިއެވެ. އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅު އަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމިހުންނެވިއެވެ.

ކެތްތެރިވެ ސާބިތުވެ ހުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދީފައިވާ ކަމެކެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ހޯދުމަށް ވަރަށް މުހިންމު ސިފައެކެވެ. އައްޔޫބުގެފާނުގެ ވާހަކައިން އަޅުގަނޑުމެންނަށް ފެންނަނީ ކެތްތެރިކަމުގެ އެންމެ މަތިވެރި ނަމޫނާއެކެވެ. އެކަލޭގެފާނު ދިމާވި އެންމެހައި ދަތިތަކާއި ކުރިމަތިލެއްވީ ކެތްތެރިކަމާއި ސާބިތުކަމާ އެކުގައެވެ. އެކަލޭގެފާނުގެ ކެތްތެރިކަމުގެ ސަބަބުން މާތްﷲ އެކަލޭގެފާނަށް ދެއްވި ޖަޒާ އަޅުގަނޑުމެންނަށް ފެނިގެން އެދަނީ ކެތްތެރިކަމުގެ މަތިވެރި ނަތީޖާއެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ގިނަ ފަހަރު ދަތި އުނދަގޫ ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ ވަގުތުތަކުގައި އަޅުގަނޑުމެން ވާންވާނީ ކެތްތެރިންނަށެވެ. އަދި މާތްﷲ އަށް ދުޢާކޮށް، އެކަލާނގެއަށް ބަރޯސާވާންވާނެއެވެ. އެހެނީ ކޮންމެ ދަތިކަމަކާއެކު ފަސޭހަކަމެއް ވާކަން ﷲ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ.

ކެތްތެރިކަމަކީ ހަމައެކަނި އަމިއްލަ ނަފްސަށް ފައިދާކުރާ ކަމެއް ނޫނެވެ. މުޅި މުޖުތަމަޢުއަށްވެސް ކެތްތެރިކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ކެތްތެރި މުޖުތަމަޢުއެއްގައި އޮންނާނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މައްސަލަތައް މަދުވެ، އުފެއްދުންތެރިކަން އިތުރުވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ.

އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ކެތްތެރިކަމާއެކު ދިރިއުޅެން ދަސްކުރުމަށެވެ. ދިމާވާ ކޮންމެ ދަތި އުނދަގޫ ކަމަކީވެސް އިމްތިޙާނެއްގެ ގޮތުގައި ދެކެ، އެކަމުން ފިލާވަޅު ލިބިގަތުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި ކެތްތެރިކަމާއެކު ކުރިމަތިލާ މީހުންނަށް މާތްﷲ ދެއްވާނެ ޖަޒާގެ ވާހަކަ ހަނދާންކޮށް، އެކަމުގެ މައްޗަށް ސާބިތުވެ ތިބެންވާނެއެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ކެތްތެރިކަމާއެކު ދިރިއުޅެން ދަސްކޮށް، އެކަމުގައި ސާބިތުވެ ތިބުމަށެވެ.

ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ