ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.
މި ދުވަސްތޫރީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ހުމައިދާ އަބްދުއްޣަފޫރު / ހ.ޝޭޑީކޯނަރ، ކ.މާލެ އަދި މުހައްމަދު ސީނީން / މ. މާމުލި، ކ.މާލެ އެވެ.
މި މައްސަލައަކީ، 2025 އޮކްޓޫބަރު 31 ވަނަ ދުވަހު ގެޒެޓުކުރި ”ދިވެހިރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން“ އަދި ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި މަސްވެރިކަމުގެ ޤާނޫނާ ޚިލާފުވުމުގެ ސަބަބުން ކަށިމިޔަރު މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދާއި ދިވެހިރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ބާތިލުކަމަށް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.
މި މައްސަލަ ބަލައިނުގަތުމަށް ނިންމާ ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބުނެފައިވަނީ، މި މައްސަލައިގެ ސީޣާ އާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، ”ދިވެހިރާއްޖޭގެ ކަށިމިޔަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން“ އަކީ ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނުގައި އަދި ހައިކޯޓުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ފަދަ ”ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް“ ނޫން ކަމަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު ޤާނޫނުއަސާސީއާއި މަސްވެރިކަމުގެ ޤާނޫނާ ޚިލާފުކަމަށް ދައުވާގެ ސީޣާގައި ބަޔާންކޮށްފައި ވީނަމަވެސް، ޚިލާފުވަނީ ކިހިނެއް ކޮންގޮތަކުންކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ނިންމާފައިވެ އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީފައިވަނީ މިއަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހު އެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް އެންމެ ގިނައިން ލައިސެންސް ދެވޭނީ 40 އުޅަނދަށް ކަމަށާއި، މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.
މީގެއިތުރުން ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގައި ކަމަށްވެސް ކަނޑައަޅާފައިވެ އެވެ. ކަށިމިޔަރުގެ މަސްވެރިކަމުގައި ހިފޭ ޙިމާޔަތްކޮށްފައިވާ އެއްވެސް ކަނޑުގެ ދިރުމެއް ބޭއްވުމާއި، ރައްކާކުރުމާއި، އެހެން އުޅަނދަކަށް ބަދަލުކުރުމާއި، ނުވަތަ ބަނދަރަށް އެރުވުން މުޅިން މަނާކުރެވިފައިވެ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ.



