ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާލެސިޓީ ކައުންސިލްގެ ކައުންސިލަރުން ކަމަށްވާ ސައިފް ފާތިހު އަދި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި އެވެ.
މަރިޔަމް ނާޒިމާ އަކީ ގަލޮޅު ހުޅަނގު ތަމްސީލު ކުރައްވާ ކައުންސިލަރެވެ. އަދި ސައިފް ފާތިހު އަކީ ގަލޮޅު އުތުރު ތަމްސީލު ކުރައްވާ ކައުންސިލަރެވެ.
މި ދެބޭފުޅުން ކައުންސިލަރު ކަމަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިލާފުތަފާތުވުން ތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ޑިމޮކްރެޓްސްގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް ހެއްދުވުމުން މި ދެ ބޭފުޅުންވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފަ އެވެ.
ނަމަވެސް ރައީސް ނަޝީދު މިފަހުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފަ އެވެ. އަދި ޑިމޮކްރެޓްސްގައި އިސްކޮށްއުޅުއްވި ގިނަ ބޭފުޅުން ވަނީ އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގެންފަ އެވެ.
ޑިމޮކްރެޓްސްގެ ހަރަކާތްތައް މިހާރު ހުއްޓިފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން އެ ޕާޓީގައި މިވަގުތު ތިއްބެވީ 3547 މެންބަރުންނެވެ.



