ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިދާނެތީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ވަނީ ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
މެދުރާއްޖެ ތެރެއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 12:45އިން ހަވީރު 4:00އަށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން މުޅި ރާއްޖޭގެ ކަނޑުތައް ވެސް މިއަދު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުގެ މި ސަމާލާ ގުޅިގެން އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކޮށްފަ އެވެ. އެ އިދާރާގެ ޕޯސްޓުގައި ބުނެފައިވަނީ، ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށާއި ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގެ ރާޅު ހުންނާނެ އެވެ.
ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. ޚާއްސަކޮށް ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކުރެ އެވެ. މީގެ އިތުރުން، ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަމްޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދެ އެވެ.
މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)



