އެސްޓީއޯ އަށް 61 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އިނާމު ލިބޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނީގެ ވިޔަފާރި ސެގްމަންޓްތަކުގެ އައުޓްލެޓް ތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބޭ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެ ގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމް، އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ގައި ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެ ކުންފުނިން ބުނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ފަރާތުން، މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ހާއްސަ ސޭލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން އެ ދެ ޝޯރޫމުގައި ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 70 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު އެ ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރައްވާ 2 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މި ހަރަކާތްތައް ކުރިއަށް ދާނީ 21 ޑިސެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މިއަދު ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ފިލިޕްސް ސައުންޑް ބަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތަކީ ސްކޭވެންޖާ ހަންޓެވެ. އެ ހަރަކާތުގައި، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި (އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރ) ފޮރުވިފައިވާ ’ހިންޓް‘ ތައް ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ ފަރާތައް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ލިބެ އެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ އެ ކުންފުންޏަށް 61 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރުމަށް މީގެ އިތުރުންވެސް އެކި ހަރަކާތްތަކެއް މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭ ސަރަހައްދުގައި އެކި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ސޯޝަލް މީޑިޔާގައި ހާމަ ކުރަމުން ދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.



