މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 11:00 އިން ފެށިގެން މިއަދު ހަވީރު 16:00 އަށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ، އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު އިރުއޮއްސި 6 ޖެހުމާހަމަޔަށް ރާއްޖޭގެ އިކި ހިސާބުތަކަށް ވިއްސާރަ ކުރުމާއި އެކު ގުގުރާނެ ކަމަށާއި، ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މެދުރާޖެ ތެރެއާއި އުތުރުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.



