ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށިއްޖެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ބުނި ގޮތުގައި އިރުވައި މޫސުން ފެށިފައިވަނީ ޑިސެމްބަރު މަހުގެ 17 ވީ ބުދަ ދުވަހުއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އަވަސް ތާރީޚެކެވެ. 2024 ވަނަ އަހަރުގެ އިރުވައި މޫސުން ފެށިފައިވަނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެވެ.
އިރުވައި މޫސުން ފެށުނުކަން ކަނޑައަޅާ މިންގަނޑުތައް
މޫސުމާބެހޭ ގައުމީ އިދާރާއިން އިރުވައި މޫސުން ފެށުނުކަން ކަނޑައަޅަނީ ބައެއް މުހިންމު ކަންތައްތަކަށް ބެލުމަށްފަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ވައިގެ މިސްރާބު އިރުމަތީ ފަރާތަށް ބަދަލުވުން.
-
ވައިގެ ބާރުމިން ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުވުން.
-
މި ހާލަތު މެދުނުކެނޑި 2 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދެމިއޮތުން.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ހަ އަހަރުގެ ތެރޭގައި އިރުވައި މޫސުން އެންމެ އަވަހަށް ފެށިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު އެވެ. 2025 ވަނަ އަހަރުގެ މި ފެށުން ވެގެންދަނީ ފާއިތުވި ތިން އަހަރަށްވުރެ އަވަސް ފެށުމަކަށެވެ. މި ތާރީޚުތަކުން ދައްކަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމީ ބަދަލުތައް އަންނަ ތާރީޚުތަކަށް ވެސް ބަދަލު އަންނަމުންދާ ކަމެވެ.
| އަހަރު | އިރުވައި މޫސުން ފެށުނު ތާރީޚު |
| 2019 | 08 ޑިސެމްބަރު 2019 |
| 2020 | 22 ޑިސެމްބަރު 2020 |
| 2021 | 20 ޑިސެމްބަރު 2021 |
| 2022 | 31 ޑިސެމްބަރު 2022 |
| 2023 | 24 ޑިސެމްބަރު 2023 |
| 2024 | 02 ޖެނުއަރީ 2025 |
| 2025 | 17 ޑިސެމްބަރު 2025 |
އާންމުގޮތެއްގައި އިރުވައި މޫސުމުގެ އަސަރު ފުރަތަމަ ފެންނަން ފަށަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. މިއީ އާންމުކޮށް ރާއްޖެއަށް މޫސުން ރީތިވެ، ކަނޑުތައް މަޑު ދުވަސްވަރެކެވެ.
އިރުވައި މޫސުން ފެށުނު ނަމަވެސް މެޓް އޮފީސް އިން ލަފާކުރާ ގޮތުގައި، މި ހަފްތާ ބަންދު (ޑިސެމްބަރު 19 އިން 21 އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ބޮޑުވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ ހަފްތާގެ ކުރީކޮޅުން ފެށިގެން މޫސުން އަލިވާން ފަށާނެ އެވެ.
މާދަމާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވިއްސާރަ ބޮޑުވާނެ ކަމަށް ލަފާކުރެވޭއިރު، އާންމުކޮށް ގަޑިއަކު 15 އާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ އެވެ. ނަމަވެސް ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް ގަދަވުން އެކަށީގެންވެ އެވެ. މީގެ ސަބަބުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިރުޝާދު ދީފަ އެވެ.
އަންނަ ހަފްތާގައި މޫސުން އަލިވާނެ
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޑުޖެހި، މޫސުން އަލިވާން ފަށާނެ އެވެ. ހޯމަ ދުވަހާއި އަންގާރަ ދުވަހު އުޑުމަތި ބަނަކޮށް އޮތް ނަމަވެސް، ވާރޭވެހޭ މިންވަރު ވަރަށް ބޮޑަށް މަދުވާނެ އެވެ. އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހުން ފެށިގެން އިރުވައި މޫސުމުގެ ސާފު މޫސުން އިތުރަށް ބޮޑަށް ފެންނަން ފަށާނެ އެވެ. މި ދުވަސްވަރު އަވިދޭ މިންވަރު އިތުރުވެ، ހޫނުމިން 27°C އާއި 28°C އާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
ނަމަވެސް މޫސުން އަލިވާން ފެށި ނަމަވެސް، އިރުވައި މޫސުމުގެ ވައިގެ މިސްރާބާއެކު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރުމުގެ ފުރުސަތު އަންނަ ހަފްތާގައި ބޮޑެވެ. މެޓް އޮފީހުން ބުނާ ގޮތުގައި، މީގެ ސަބަބުން ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.



