ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ޝަރިއަތް ނިމެންދެން ބަންދުގައި ހުރިހުރުމަށް ބަދަލެއް ނުގެނައުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދިޔަ މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ޝަމްއާން ހައްޔަރުކޮށް ބަންދު މުއްދަތުޖެހުމަށްފަހު މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަމްއާންގެ ވަކީލް ވަނީ ޝަމްއާން ބަންދުން ދޫކޮށްދިނުމަށް އެދިފަ އެވެ. އެގޮތުން ޝަމްއާން ބަންދުކުރި ހާލަތު މިހާރު ނެތްކަމަށް ވަކީލް ނޫރުއްސަލާމް ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން ވަނީ ހެކިންގެ ހެކިބަސް ނަގާ އަދި ނުނިމޭތީ ޝަމްއާން ބަންދުގައި ބެހެއްޓުމަށް އެދިފަ އެވެ.
ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނެފައިވަނީ މައްސަލައިގެ ހެކިބަސް ނަގާ ނިމުމުން ބަންދަށް ލުއި ދެވޭތޯ ބެލުމަަށްފަހު ޝަރުތުތަކަކާއެކު ބަންދުން ދޫކުރުމަށް އިއުތިރާޒެއް ނުކުރާނެ ކަމަށެވެ.
އެހެންކަމުން މިއަދުގެ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ވަގުތު ޝަމްއާން ބަންދުގައި ބެހެއްޓުމަށެވެ.
ފުލުހުން މި މައްސަލައިގައި މީގެކުއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ. ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށްވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.



