ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކު 18 އަހަރަށް ޖަލަށްލުމާ އެކު 75،000 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ އަޒްމާ ޝަރީފް، ގއ.ކަނޑުހުޅުދޫ / ކަށިކެޔޮމާގެ މައްޗަށެވެ. މީނާގެ މައްޗަށް، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ 2023 ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި މީނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، 16 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ފެޑެކްސް މެދުވެރިކޮށް، އެހެން މީހެއްގެ ނަމުގައި ގެނެސްފައިވާ ފޮށިގަނޑުގެ ހަތަރު އަރިމަތިން ފެނުނު ހުދު ކުލައިގެ ޕައުޑަރުތަކެއް ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އަށް ފޮޒިޓިވް ވެފައިވާ ކަމަށެވެ. ދައުވާގައި ބުނެފައިވަނީ މި ފޮށިގަނޑާއި ހަވާލުވުމަށް ދިޔައީ އަޒްމާ ޝަރީފް ކަމަށާއި އެ ފޮށިގަނޑުން 1983.7 ގްރާމްގެ އެމްޑީއެމްއޭ ފެނިފައިވާ ކަމަށެވެ.
އަޒްމާ ބުނެފައިވާ ގޮތުގައި އޭނާ ފޮށިގަނޑާ ހަވާލުވާން ދިޔައީ ރައްޓެއްސަކު ބުނެގެން ކަމަށެވެ. އެހެންނަމަވެސް، އަޒްމާ މެދުވެރިކޮށް އެ މީހާއާ އެ ފޮށިގަނޑު ހަވާލުކުރަން ކުރި މަސައްކަތަށް އަޒްމާ އެއްބާރުލުން ނުދިން ކަމަށާއި، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެ ހިސާބުން ނިންމާލައި އޭނާ ހައްޔަރުކުރީ އެހެންވެ ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވެ އެވެ.
ހުކުމްގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީއަށް އެއްބާރުލުން ދޭން އަޒްމާ ފުރަތަމަ އެއްބަސްވި ނަމަވެސް ފޮށިގަނޑުގައި ޖަހާފައި އޮތް ނަމްބަރުން އަޒްމާގެ ފޯނަށް ގުޅުމުން ފުލުހުންގެ ހާޒިރުގައި އެ ކޯލަށް ޖަވާބުދޭން އަޒްމާ ދެކޮޅު ހެދި ކަމަށާއި، އޭނާގެ ފޯނުގެ ކޯޑް އެވަގުތު ފުލުހުންނަށް ދޭން އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
އެއީ އޭނާއާ ގުޅުމެއް ނެތް ފޮށިގަނޑެއް ނަމަ ފުލުހުންނަށް އޭގެ ވެރިފަރާތް ބުނެދީ އަދި އެ މީހެއްގެ އަމިއްލަ މައުސޫމްކަން ސާބިތުކުރަން މަސައްކަތް ކުރާނެ ކަމަށާއި، އެހެންނަމަވެސް ފުލުހުންނަށް އެއްބާރުލުން ނުދިނުމާއި އަދި ޝަރީއަތުގައި ވެސް އެ ފޮށިގަނޑުގެ ވެރިފަރާތް ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އަޒްމާއަށް އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން، އަޒްމާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ. އަދި އޭނާ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 15 އަހަރާއި ނުވަ މަހެވެ.


