އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ ”މީޑިއާ ސާކަސްއަކަށް“ ހަދަން މަސައްކަތް ނުކުރުމަށާއި އަދި އެކަން ކުރާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ޝަމްއާނަށް ދެއްވައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް މީޑިއާ ހެޑްލައިން ހެދުމަށް ބޭނުން ނުކުރުމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން އިންޒާރު ދެއްވީ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަންގެ ކޮންޓްރޯލާ ބިއުރޯގެ މުވައްޒަފަކާ ޝަމްއާން ކުރި ސުވާލަކާ ގުޅިގެންނެވެ. އެ ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެ، އެކަމާ ގުޅޭގޮތުންނެވެ. އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއިރު، ގާޒީ ވެސް އެ ސުވާލު ހުއްޓުވިއެވެ.
ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި ނުވަތަ މީޑިއާ ހެޑްލައިން ހެދުމަށް އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. ”މީޑިއާ ސާކަސްއެއް ހަދާކަށް، މީޑިއާ ހެޑްލައިން ހަދާކަށް ފުރުސަތެއް ނުދެވޭނެ،“ ގާޒީ ވިދާޅުވި އެވެ. އަދި ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ އިހްސާން ވިދާޅުވި ގޮތުގައި ހެކިވެރިންނާ ސުވާލު ކުރުމުގެ މަރުހަލާގައި ވަކި މެސެޖެއް ނުވަތަ ބަޔާނެއް ނުދެވޭނެ އެވެ. އަދި އެކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން އިމިގްރޭޝަންގެ މުވައްޒަފު ބުނި ގޮތުގައި އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާ ހިފަހައްޓާފައި ވަނިކޮށް އޭނާ ދޫކޮށްލަން އެދި ސިޓީއެއް އީމެއިލްއަށް ލިބިފައިވާތީ އެ ސިޓީ ބެލުމަށް ފަހު އެ މީހާ ދޫކޮށްލުމަށް ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގުމަށް ޝަމްއާން އޭނާއަށް އެންގި އެވެ. އެގޮތަށް އެންގުމުން ސިޓީގައި އެކަން ލިޔުމަށް ފަހު އެކަން ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގި ކަމަށް އެ މުވައްޒަފު ބުންޏެވެ. ނަމަވެސް ދޫކޮށްލުމުގެ ކުރިން އޭނާގެ ބަޔާން ނެގުމަށް އެ ސިޓީގައި އަންގާފައިވާނެ ކަމަށް ހެކިބަސް ދެމުން އެ މުވައްޒަފު ބުންޏެވެ.


