ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރު ކަމަށް އިސްމާއިލް ޒަރިޔަންދު ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިރޭ އާޓިފިޝަލް ބީޗުގައި ޕީއެންއެފްގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތެއްގަ އެވެ.
މިރޭ ޕީއެންއެފްގެ ހަރަކާތުގައި ޒަރިޔަންދު ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފަ އެވެ. އަދި ކުރީގެ ރައީސް ޔާމީންވެސް މިހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދަކީ މީގެކުރިން ޓެންޑަރ ބޯޑުގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރެއްވި ފަރާތެކެވެ. މީގެއިތުރުން އޮޑިޓަރ ގުޅޭ ގިނަ އިސް މަގާމުތަކެއްވެސް ޒަރިޔަންދު ފުރުއްވާފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލް އެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.


