ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ވަގަށް ނަގާފައިވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަކަށް ހެދޭނެ ކަމަށް ހީނުކުރެއްވުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު ޕާޓީ، ޕީއެންއެފް އިން ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ”ބޮޑު“ ޖަލްސާއާ ގުޅިގެން ފަލާހް ވިދާޅުވީ އެ ޕާޓީން ރޭ ބޭއްވި ޖަލްސާއަށް 200 މީހުން ގެންދިޔައީ ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއިން ބޮލަކަށް 1,200 ރުފިޔާ ދީގެން ކަމަށެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ބަނގުލަދޭޝް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ފަލާހް ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ޔާމީންގެ ވެރިކަމުގައި މެންބަރުންނާމެދު ޢަމަލުކުރެއްވި ގޮތުން ޕީޕީއެމްގެ 12 މެންބަރުން ތިން އަހަރު ވަންދެން މަގުމަތީގައި ގަނަ ތެޅުވި ކަމަށާއި، އެއަށްވުރެ މެންބަރުން ނިކަމެތިކުރި އެހެން ވެރިއެއް ނެތް ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެންބަރުންނަށް މަޖިލީހުގައި ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ އިޚްތިޔާރު ދެއްވާފައިވާ ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު ބެޓްކޮށްފައި ބުނަން، 20 ވަނަ މަޖިލީހުން އަލަށް މި ފާސްކުރާ އަދި އިސްލާހު މި ގެންނަ އެއްވެސް ޤާނޫނެއް ގޯސްވެގެން ކުރިއަށް އޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ،“ ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، ރައީސް މުޢިއްޒު މި ޤައުމުގެ ރައްޔިތުންގެ ހެވާއި ލާބައަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް، ”ޤައުމުގެ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއް“ ވާހަކަފުޅުތަކުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ރޭ ޕީއެންއެފް އިން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެ ޕާޓީއަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި ޖަލްސާ ފެށުމުގެ ކުރިންވެސް، އަދި ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުންވެސް ރައީސް ޔާމީންވެސް ވަނީ ރޭގެ ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު އައީ އަތޮޅު ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފަރާތްތަކަށް އަމާން ރައްކާތެރި ދަތުރަކަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު