ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރޭގަނޑު ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން މި އޮޕަރޭޝަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ރޭގަނޑު ދަންވަރު އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން މިރެއިން ފެށިގެން ހުއްޓުވާ ސުވާލު ކުރުމަށް ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މިއީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭ ފަރާތްތައް ދެނެގަނެ، އެކަންކަން ހުއްޓުވުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށާއި، ބައެއް ބިދޭސީން ރޭގަނޑު ދަންވަރު އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި އާންމު މަސްލަހަތު ގެއްލޭފަދަ އަމަލުތައް ހިންގާކަމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭކަން ފާހަގަކުރެވިފައިވާތީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޮޕަރޭޝަންއާ ގުޅޭގޮތުން ފުލުހުން ބުނީ؛
- މި އޮޕަރޭޝަން ހިންގަނީ ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް
- މިރެއިން ފެށިގެން މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ
- ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން އިމިގްރޭޝަނާ ހަވާލުކުރެވޭނެ
މި މަސައްކަތުގެ ދަށުން، ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހާއްސަކޮށް މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ އެވެ. ފުލުހުން ބުނިގޮތުގައި، މިގޮތަށް ބަލައިފާސްކުރުމުގެ ތެރެއިން ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ފާހަގަކުރެވިއްޖެނަމަ، ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި އެފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރެވޭނެ އެވެ.
މި ފިޔަވަޅަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ވެގެންދާ ކަމެކެވެ. މިހާރުވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓާސްކްފޯސްއެއް ގާއިމުކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ. އެ ޓާސްކްފޯސްގައި ފުލުހުންނާއި އިމިގްރޭޝަން، ހެލްތް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ހިމެނެ އެވެ.



