އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ވައްކަމެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށާއި އެކަމާ ކުރިމަތިލާން ނުކެރިގެން އަނބިދަރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ – ޕީއެންއެފް އިން އިންތިޒާމު ކުރި ’ވޭކް އަޕް‘ ކިޔާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން މި ވާހަކަ ދެއްކެވީ މިދިޔަ ސަރުކާރުގައި ވެންޓިލޭޓަރުން ކުރި ވައްކަމުގެ ވާހަކައިގެ ތެރެއިންނެވެ. ޔާމީން ވިދާޅުވީ 1 މިލިއަން ޑޮލަރަށް ވެންޓިލޭޓަރު ގަންނަން ރާޖޫ ކިޔާ މީހަކާ ހަވާލު ކުރުމުން އޭނާ އެ ފައިސާއިން 15 އިންސައްތަ ނެގުމަށްފަހު ފިލާފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ބާކީ 810،000 ޑޮލަރު ހުރީ އިސް ބޭފުޅެއްގެ ދަރިއެއްގެ ނަން މަތީގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓެއްގައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ވާހަކައަށް ފަހު ރައީސް ޔާމީން ވަނީ އެއީ ވަރަށް ފިނޑި އަމަލެއްކަމަށާއި އެމަނިކުފާނު ވައްކަންކޮށްގެން ހޯއްދެވި ފައިސާ އަނބިދަރިންގެ އެކައުންޓުގައި ނުބަހައްޓާކަމަށް ވިދާޅުވެފަ އެވެ.
އަޅުގަނޑު ވެއްޖިއްޔާ، ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު. އެކަމަކު އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑު އަތުގަ ހުރި ލާރި، އަޅުގަނޑު އެއަށް ފޭސް ކުރަން ނުކެރިގެން އަޅުގަނޑުގެ އަނބި މީހާއާއި އަޅުގަނޑުގެ ދަރިންގެ ނަމުގައެއް ނުބަހައްޓަމޭ. ހާދަ ފިނޑި ކަމެކޭ އެއީ. އެއީކީ ފިރިހެން ސިފައެއް ނޫނޭ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ފައިސާ އެމަނިކުފާނުގެ ދަރިއެއްގެ ނަން މަތީ ބަހައްޓައިފިނަމަ އެ ފައިސާއަށް ޖަވާބުދާރީވާން ދަރިފުޅަށް ނޭނގޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ ހަރަދުތައް ބަލަހައްޓަނީވެސް ރާއްޖޭގެ ވަރަށް އިސް ބޭފުޅެއްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އަދީބު ހުންނަވާ ތަނުގެ ކުލި ދައްކަނީ އެ ބޭފުޅަކުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.