ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.
ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ އިރު މިއީ ރާއްޖެއިން ބޭރުން އައިޑީ ކާޑުގެ ޚިދުމަތް ލިބޭ ދެވަނަ ގައުމެވެ.
އެގޮތުން، ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާ އެވެ. އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ދިވެހިރާއްޖޭގެ ހުރިހައި އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކުރައްވާފައި ވަނީ، ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިންނެވެ.
ރާއްޖެ - ލަންކާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)


