ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފި އެވެ.
މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ އެވެ. މި މަޝްރޫ ހަވާލުކޮށްފައިވަނީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ.
ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ 31.5 ހެކްޓަރުގެ ބިން ހިއްކާ ނިމިފަ އެވެ. މިއީ ޖުމްލަ މަސައްކަތުގެ ދެބައިކުޅަ އެއްބަޔެވެ. މަސައްކަތް ކުރިއަށްދާ ގޮތުން، މި މަޝްރޫ ނިމޭނެ ކަމަށް ލަފާކުރެވެނީ ކަނޑައެޅިފައިވާ މުއްދަތަށް ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ބޮޑު ޑްރެޖަރު ބޭނުން ކުރަމުންދެ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، ހަމަ އެ ކެޕޭސިޓީގެ އޮރަންޖް އެވެ. މި ދެ ޑްރެޖަރުންވެސް ދަނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.


