ދުންފުހުގެ އަސަރު ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވެސް ދަށްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
”ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ“ މެޓްއިން ބުނެފައިވެ އެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ ”ހޭޒް“ ގެ ސަބަބުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު، ދެކުނު އޭޝިއާގެ ޤައުމުތަކުން އިންޑަސްޓްރިއަލް ޕޮލިއުޓެންޓްތައް ހިމެނޭ ދުމާއި ވިލާގަނޑު ރާއްޖެ ސަރަހައްދަށް އަންނާތީވެ އެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ ނުސާފު ވައިގެ އަސަރު، އިރުވައި މޫސުން ފެށުމާއެކު ރާއްޖެ އަށް ކުރާލެއް ބޮޑުވެ އެވެ.
އިއްޔެ ވަނީ މާލެ ސަރަހައްދުގެ ވައިގައި ހިމެނޭ ޕާޓިކިއުލޭޓް މެޓާ (ހިރަފުސް ކުނޑި) ގެ މިންވަރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 8.3 ގުނަ މައްޗަށް ގޮސްފަ އެވެ. އެއީ ސިއްހަތަށް ނުރައްކާ މިންވަރެކެވެ. ’އައިކިއު އެއާ‘ ގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ ’ފައިން ޕާޓިކިއުލޭޓް މެޓާ‘ (ޕީއެމް2.5) ގެ މިންވަރު އިއްޔެ ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގަ އެވެ. ޕީއެމް2.5 އަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށާއި ލޭގެ ތެރެއަށް އެތެރެވާހާ ހިމުން ކުނޑި އެވެ.
ވައިގެ ކޮލިޓީ މެދުމިން (51-100) ނުވަތަ ނުރަނގަޅު މިންވަރަށް ދާނަމަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސެންސިޓިވް ގްރޫޕްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިރުޝާދު ދީފަ އެވެ. ސެންސިޓިވް ގްރޫޕްތަކުގައި ހިމެނެނީ ކުޑަކުދިން، މުސްކުޅިން، އަދި ހިތާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކެވެ. އެގޮތުން، ގިނައިރު ބޭރުގައި ހަރަކާތްތެރިވުން މަދުކޮށް، ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.


