ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ، ނ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މިއަދު ހެނދުނު 11:45 އިން ހަވީރު 17:00 އަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ، ކުރިއަށްއޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.
ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ.


