އެންމެފަހުން ސްރީލަންކާއަށް ކުރި ވިއްސާރައިން އަރައިނުގަނެވި އުޅެނިކޮށް، އަނެއްކާވެސް ލަންކާއަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާކޮށްފި އެވެ.
ބީބީސީން ރިޕޯޓްކުރާ ގޮތުގައި ޚާއްސަކޮށް ކޮލަމްބޯ ހިމެނޭ ސަރަހައްދުތަކަށް އަންނަ ދުވަސްތަކުގައި ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ބޭ އޮފް ބެންގާލް މަތީގައި އުފެދިފައިވާ ވިލާގަނޑު މި ހަފްތާ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބީބީސީން ރިޕޯޓްކޮށްފަވެ އެވެ.
މި ތޫފާން މަޑުމަޑުން ހުޅަނގަށް ދަތުރުކުރާނެ. ތޫފާނަކަށް ބަދަލުވިޔަސް ނުވިޔަސް، ހޯމަ ދުވަހުގެ ފަހުކޮޅުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ.
މިދިޔަ މަހުގެ ފަހުކޮޅު ސައިކްލޯން ދިތުވާގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަކީ އެތައް އަހަރެއްގެ ތެރޭގައި ލަންކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. މި ކާރިސާގައި މަރުވި މީހުންގެ އަދަދު ވަނީ 627 އަށް އަރާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ކާރިސާގެ އަސަރު ކޮށްފައި ވެއެވެ.
މިހާރުވެސް މެދުތެރޭގެ ފަރުބަދަތައް ހިމެނޭ ސަރަހައްދުތަކަށް މޫސުމީ ވިއްސާރަ ކުރަމުންދާތީ، ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު އަލުން ދީފަ އެވެ.
ބީބީސީގެ މޫސުން: https://www.bbc.com/weather/1248991



