ދިވެހިންގެ ފަރާތުންދޭ 1.2 މިލިއަން މަސްދަޅު ލަންކާއާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސްތައް، މިއަދު އެ ޤައުމާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މިތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. ލަންކާގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ) ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާއެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ޖުމްލަ 1.2 މިލިއަން މަސްދަޅު އެކުލެވޭ މި 25،000 މަސްދަޅު ކޭސް، 14 ކޮންޓެއިނަރަށް ބަރުކޮށްގެން އެމްއެސްއެސްގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ފުރާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެރޭގަ އެވެ. މި ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއް ގައެވެ.

ދިވެހި ސަރުކާރުން ލަންކާއަށް މަސްދަޅު ހަދިޔާކުރުން

މަސްދަޅު ކޭސްތަކުގެ އިތުރުން، ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ނިންމި 50،000 ޑޮލަރުގެ ފައިސާގެ އެހީ ވެސް ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފަ އެވެ. ސަރުކާރުގެ މި އެހީތަކުގެ އިތުރުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

އެ ދުވަހުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ޕީއެސްއެމްއިން އިސްނަގައިގެން މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދަކުން ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހިން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. ”އަވަށްޓެރި ޤައުމުތަކުން ގޮވާލި ކޮންމެ ފަހަރަކު ދިވެހިން އެހީވާނެކަން މި ކަމުން ސާބިތުވެއްޖެ،“ ވަޒީރު ވިދާޅުވި އެވެ.

ޓީވީ ޓެލެތޯންގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ. ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ދިވެހި ސަރުކާރުން ލަންކާއަށް މަސްދަޅު ހަދިޔާކުރުން

ލަންކާގައި މިދިޔަ ދުވަސްތަކުގައި ދިމާވި ބޮޑު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 474 މީހުން މަރުވެ، އިތުރު 356 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވެ އެވެ. މި ކާރިސާގެ އަސަރު އެ ޤައުމުގެ 25 ޑިސްޓްރިކްޓްގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާ އިރު، 50،000 އަށް ވުރެ ގިނަ އާއިލާގެ 200،000 އަށް ވުރެ ގިނަ މީހުން މިހާރު ދަނީ ސަރުކާރުން ހިންގާ ރައްކާތެރިކަމުގެ މަރުކަޒުތަކުގައި ދިރިއުޅެމުންނެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މެދުތެރޭގެ ހައިލޭންޑް ޑިސްޓްރިކްޓްތައް ކަމަށްވާ ކެންޑީ، ނުވަރާ އެލިޔާ އަދި ބަދޫލާއަށެވެ؛ އެ ސަރަހައްދުތަކުގައި 200 އަށް ވުރެ ގިނަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގާފައިވެ އެވެ.

ރާއްޖެ - ލަންކާ ސްރީލަންކާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ