ރިސޯޓް މުވައްޒަފުންނަށް ސާވިސްޗާޖް ދިވެހި ރުފިޔާއިން ދިނުން ހުއްޓުވުމަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. މައުރޫފް އިސްލާހު ހުށަހަޅުއްވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާއަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމަށް، ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސަރވިސްޗާޖު ބެހުމުގައި، މުވައްޒަފުންނަށް ދޭންވާނީ ސަރވިސްޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތުން ކަމަށް ބަޔާން ކޮށްފައިވެ އެވެ.
މީގެއިތުރުން އިސްލާހުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި، އާންމުކޮށް ދޭންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި ސީދާ ގޮތުން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ކަމަށްވާނަމަ އެ ފަދަ މުވައްއްޒަފުންނަށް ސަރވިސްޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
މި އިސްލާހު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 އިންސައްތަ އަށްވުރެ މަދު ނޫން އަދަދަކުން ސަރވިސްޗާޖް ނަގަންވާނެ ކަމަށާއި، އަދި ސާރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުން ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ބާވަތުން ބެހުމުގެ ބަދަލުގައި، އެ ފައިސާ މާރުކޮށްގެން ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސަރވިސްޗާޖު ދިނުމުގެ ސަބަބުން، ”ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ“ މުވައްޒަފުންގެ މެދުގައި ބެހުމަށް ލާޒިމުކޮށް ކަނޑައަޅާފައިވާ އުސޫލުގެ މަންފާ އެންމެ ފުރިހަމައަށް މުވައްޒަފުންނަށް ލިބުމަށް ހުރަސްއެޅޭ ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒިފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދީފަިއވާ ސަރވިސްޗާޖް ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ތަނަވަސްކޮށްދިނުމަށް އިސްލާހު ހުށަހަޅާކަމަށް ބުނެފައިވެ އެވެ.
ފަތުރުވެރިކަމުގެ ހިދުމަތްދޭ ގިނަ ތަންތަނުން ފަތުރުވެރިންގެ އަތުން ސަރވިސްޗާޖު ނަގަނީ ޑޮލަރުންނެވެ. ނަމަވެސް ބައެއް ތަންތަނުން މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސަރވިސްޗާޖުދޭތީ އެކަމުގެ ޝަކުވާ މުވައްޒަފުން ކުރެ އެެވެ.
ރައްޔިތުންގެ މަޖިލިސް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފަތުރުވެރިކަން


