ފެނަކަ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުން: ކޮަރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކަށް ދައުވާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފެނަކައިގެ ކުރީގެ 2 ވެރިއަކަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ ފެނަކަގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުންފުނީގެ އޭރުގެ ދެ ވެރިއަކަށް މިއަދު ދައުވާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ:

  1. މ. ފެހިވިދުވަރުގެ، އިސްމާއީލް ޝަމްއޫން / ފެނަކަގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ އޭރުގެ ހެޑު
  2. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސާލިހު / ފެނަކަ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރު

މި ދެމީހުންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށް ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ދީނާ އޭރު ހުރެގެން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑުގެ ގޮތުގައި ޝަމްއޫނު އޭރު ހުރެގެން 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ ކަމަށެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކުށް ސާބިތުވެ ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއްވެސް އިއްވާފަ އެވެ. އަދި އިތުރު މައްސަލަތަކެއްގައި ދައުވާކޮށް ޝަރީއަތް އަންނަނީ ހިންގަމުންނެވެ.

ފެނަކަ ފެނަކަ ހިޔާނާތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ