އައްޑޫ ސިޓީގެ އާ އިންޖީނުގޭގެ މަސައްކަތް 2027 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން ހިންގަމުންދާ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން ނަޖާޙް ވިދާޅުވީ ފެނަކައިގެ އަމާޒަކީ މި މަސައްކަތް 2027 ވަނަ އަހަރުގެ ރަމަޟާން މަހަށް ނިންމުން ކަމަށެވެ.
އައްޑޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅުގައި، ވަގުތީ ހައްލެއް ހޯދުމަށްޓަކައި މި ދެ އަހަރުގެ ތެރޭގައި ޖުމްލަ 8 ޖަނަރޭޓަރު ސެޓު އައްޑުއަށް ފޮނުވާފައިވާކަން ފާހަގަކުރައްވަމުން ނަޖާހު ވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް އިތުރު އެއް ޖެނެރޭޓަރު ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ. މިއާއެކު މި ދައުރުގެ ތެރޭގައި އެކަނިވެސް އައްޑޫގެ ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓް އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޖާޙް ވިދާޅުވީ މިހާރުގެ ޙާލަތަށް ބަލާއިރު، އައްޑޫގައި ގާތްގަނޑަކަށް 17 ޖަނަރޭޓަރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕަވަރ ޖަނަރޭޓް ނުކުރެވިގެން އައްޑޫއަކުން ކަރަންޓެއް ނުކެނޑޭނެ ކަމުގެ ޔަގީންކަން ޖަނާހު ދެއްވި އެވެ.
މިހާރު އެކޮޅުގައި އުޅޭނެ ގާތްގަނޑަކަށް 17 ވަރަކަށް ޖަނަރޭޓަރު ބޭނުންކުރެވޭ. އެހެންވީމަ ޕަވަރ ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ އެއްވެސް މައްސަލައެއް ނެތި އިރާދަކުރެއްވިއްޔާ. ޕަވަރ ޖަނަރޭޓް ނުކުރެވިގެން އިރާދަކުރެއްވިއްޔާ އައްޑޫއަކުން ކަރަންޓެއް ނުކެނޑޭނެ
މިހާރު ކުރަމުންދާ މަސައްކަތަކީ ވަގުތީ ހައްލެއްކަން ފާހަގަކުރައްވައި، ދާއިމީ ހައްލެއް ގެނައުމަށްޓަކައި، މަސައްކަތް ފަށައި ހުއްޓިފައިވާ އައްޑޫގެ އާ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނަޖާޙް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު
