2021 ވަނަ އަހަރު ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގެ ތެރެއިން އަހްމަދު އުދައްޔު މަރާލި މައްސަލައިގައި ދައުވާ ސާބިތުނުވި މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
8 ފެބްރުއަރީ 2021 ގައި 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި ދައުވާކުރި މީހުންގެ ތެރޭގައި ގއ. މާމެންދޫ / ރިހިފަރުދާގެ، އަހުމަދު ޝަމީމް އަދި ގއ. މާމެންދޫ / ގުލްފާމުގެ، މުހައްމަދު މާޒިން ހިމެނެ އެވެ. އެމީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަހުމަދު ޝަމީމް އަދި މުހައްމަދު މާޒިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ވަނީ މެރުމަށް ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގައި ދެން ދައުވާ އުފުލި ޝަރަފު ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވި ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރަފު ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި އަހުމަދު ޝަމީމްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމްކުރިނަމަވެސް، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެފައެއް ނުވެ އެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަޙްމަދު ޝަމީމް އަދި ޝަރަފު ރަޝީދުގެ މައްޗަށް ސާބިތު ނުވި ދައުވާތައް ހައިކޯޓުގައި މިމަހުގެ 18 ވަނަ ދުވަހު އިސްތިއުނާފު ކޮށްފަ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނެފައިވަނީ އަހްމަދު ޝަމީމްގެ މައްޗަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން ބާތިލްކޮށްދެއްވައި، އަހްމަދު ޝަމީމްގެ މައްޗަށް ދައުލަތުން ހުށަހެޅި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި އަދަބު ކަނޑައަޅުއްވައި ދެއްވުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން ޝަރަފު ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމެވުން ބާތިލްކޮށްދެއްވައި، ޝަރަފު ރަޝީދުގެ މައްޗަށް ދައުލަތުން ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި އަދަބު ކަނޑައަޅުއްވައި ދެއްވުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖި އޮފީހުން ބުނެފައިވެ އެވެ.
މި ދެ އިސްތިއުނާފު ބަލައިގަތުމާމެދު އަދި ހައިކޯޓުން ގޮތެއް ނިންމަވާފައެއް ނުވެ އެވެ.
މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ކުރިއެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.
ހައި ކޯޓު ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)
