ނޮވެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވެ، ޑެފިސިޓް ބޮޑުތަނުން ކުޑަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މުއްދަތުގައި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއި އެކު ޖުމްލަ ހަރަދުތައް ވަނީ 12.6 އިންސައްތަ ދަށްވެ، މިދިޔަ އަހަރުގެ 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މި ކަންކަމުގެ ސަބަބުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ. މިއީ ގާތްގަނޑަކަށް 84 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ.
ރިޕޯޓުގައިވާ ގޮތުން، ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދާފަ އެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެ، 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާމްދަނީ އިތުރުވުމެވެ. ޖުމްލަ ޖީއެސްޓީ އާމްދަނީ 12.0 އިންސައްތަ އިތުރުވެ 13.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓޫރިޒަމް ޖީއެސްޓީ ވަނީ 14.2 އިންސައްތަ އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ އާމްދަނީ 107.1 އިންސައްތަ އިތުރުވެ 1.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗަރ ޓެކްސް ވަނީ 60.5 އިންސައްތަ އިތުރުވެ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ޓެކްސް ނޫން އާމްދަނީ ވެސް ވަނީ 17.6 އިންސައްތަ އިތުރުވެ 8.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިކަމަށް މައިގަނޑު ގޮތެއްގައި ބާރުލިބިފައިވަނީ އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބޭ އާމްދަނީ 150.5 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވުމާއި، ރިސޯޓު ބިމުކުލި 2.1 އިންސައްތަ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވުމުގެ ސަބަބުންނެވެ.
ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 އިންސައްތަ ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގަ އެވެ. މިހާތަނަށް، މިއަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 އިންސައްތަ ވަނީ ދައުލަތަށް ލިބިފަ އެވެ.
ހަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމްލަ ހަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫއުތަކަށް އިސްކަންދެމުންނެވެ. ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން، މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 އިންސައްތަ އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މި ރިޕޯޓުން ދައްކަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމާއި، އާމްދަނީގެ މަގުތައް ފުޅާވެ، ހަރަދުތައް ހެޔޮ ގޮތުގައި ބެލެހެއްޓުމުގެ ސިޔާސަތުތަކުގެ ސަބަބުން ޑެފިސިޓް ކުޑަވެފައިވާކަންކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
