ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ސަނީ އުމަރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޔުނިޓަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ ފަރާތުން ޖަވިޔަނި އަށް މައުލޫމާތު ދިން ގޮތުގައި، ޑރ. ސަނީ އެފްސީޕީ އަށް ހާޒިރުކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމަށްޓަކަ އެވެ.
ސަނީ ފުލުހަށް ގެންގޮސްފައިވަނީ، އިންޑިއާގަ ހުރުމަށްފަހު ރާއްޖެ އައިސް އެއާޕޯޓުން ނިކުތް ވަގުތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދޮރުމަތިންނެވެ. އޭނާ ފުލުހަށް ގެންދިޔައީ، ފުލުހުންގެ ވެހިކަލެއްގަކަމަށް މައުލޫމާތު ލިބެ އެވެ.
ސަނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެކެވެ. މީގެ ތެރޭގައި އޭނާގެ އާއިލާގެ ތެރެއިން ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ސީރިއަސް މައްސަލަތަކެއް ކަމުން، އެ ތުހުމަތުތައް ވަރަށް ބޮޑަށް ސަމާލުކަމެއްދީގެން ތަހުގީގު ކުރިއަށްގެންދާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ސަނީ އުމަރަކީ މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އޭޖެންސީއެއްގެ އިތުރުން ކުޅިވަރު ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިޔާތައް ހިންގަމުން އަންނަ ފަރާތެކެވެ. އޭނާގެ މައްޗަށް މި ތުހުމަތުތައް ކުރެވުމާ ގުޅިގެން، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާއަކާއި ޓްރެވަލް އޭޖެންސީ ހިންގާ ޕީއާރު ކުންފުނި ”ދަ ޓްރެވަލް ގާއިސް“ އިން ވަނީ އޭނާ އެ ކުންފުނިން ވަކިކުރުމަށް ނިންމާފަ އެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، އެފްސީޕީ އިން މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
